09 Nov 2014, 15:01
މޭލެ ފެހިކުރުމާއި ޕްލޭން ކުރުމުގެ މަސައްކަތް ފަންނީ މާހިރެއްގެ އެހީގައި ކުރަމުންދާކަން ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް ވެލާނާގޭ ޕްރެސް ރޫމްގައި މިއަދު ބޭއްވެވި ނޫސްކޮންފަރެންސްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެކަން އެގޮތަށް އަންގަވާފައި އޮއްވައި ސިޓީ ކައުންސިލުން އެކަމަށް ގޮންޖެހުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"...ހައުސިން މިނިސްޓްރީ އިން މިއޮތީ ސިޓީ ކައުންސިލަށް ލިއުމުން ދަންނަވާފައި ސަރުކާރުން މިހާރު މިދަނީ މާލެ ފެހިކުރުމާއި ޕްލޭން ކުރުމުގެ މަސައްކަތް ފަންނީ މާހިރެއްގެ އެހީގައި ކުރަމުންނޭ. އަދި މިކަމުގައި ސިޓީ ކައުންސިލް ވެސް ބައިވެރި ކުރަމުން މިދަނީ. އެހެންވީމާ މިކަންކަން ރަނގަޅަށް ހަމަޖެހިގެން ދިއުމާއެކީގައޭ މާލެ ފެހިކުރުމުގެ ކަންތައް، މާލޭގެ މަގުތަކުގެ ކަންތައްތައް ހަމަޖެހިގެންދާނެ ގޮތް އެނގޭނީ،" މާލޭގެ މަގުތަކުގައި ސިޓީ ކައުންސިލުން އިންދި ފެންފޯއް ރުއްތައް ނެގި މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެކަން އެގޮތަށް އަންގާފައި އޮއްވައި އެކަމަށް ގޮންޖަހައި، ސިޓީ ކައުންސިލުން ކަންތައްތަކެއް ކުރުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ. އެކަން އޮޅުވާލުމަށް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރާތީ ހިތާމަކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"...އެހެން ނަމަވެސް އެއަށް ގޮން ޖައްސަވާފައި، ތިމަންނަމެންނަށް ވެސް ކަމެއް ކުރެވޭނެޔޭ، ތިމަންނަމެންނޭ މިކަން ކުރާނީ، އެގޮތަށް އެކަން ކުރުމަކީ އަޅުގަނޑު ހިތުން ޒިންމާދާރު ގޮތެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގެ މަގުތައް ސަރުކާރަށް ނަގާފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށާއި އެކަން އެގޮތަށް ކޮށްފައި ވަނީ ކެބިނެޓުން ނިންމައިގެން ކަމަށެވެ. އަދި ވިދާޅުވީ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ހައުސިން މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
މާލޭގެ މަގުތަކުގައި (ވާރޭވެހުމުން) ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު ވަގުތީ ހައްލެއް ހޯދުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.