ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ކުރެވިދާނެ އެންމެ ފުރަތަމަ ކަމަކަށް ބަލާލާނީ ކެއުން ރަނގަޅުކުރުމަށެވެ. ސިއްހަތަށް ފައިދާ ހުރި ބައިތައް އެކުލެވޭ، ގިނަ އަދަދެއްގެ ވިޓަމިންސް އާއި މިނަރަލްސްއިން މުއްސަނދިވެފައިވާ ތަރުކާރީ އާއި މޭވާ ކޮންމެ ކެއުމެއްގައި ވެސް ބޭނުންކުރަންވާނެ އެވެ. އޭގެ އިތުރުން ދުވާލަކު ތިން ފަހަރު ބަނޑުފުރޭ ވަރަށް ކެއުމަށް އާދަކުރާށެވެ. ހެނދުނުގެ ސައިގެ ގޮތުގައި ކާބޯހައިޑްރޭޓް އާއި ޕްރޮޓީން އެކުލެވޭ ކާނާ ކެއުން ރަނގަޅުވާނެ އެވެ. އެގޮތުން ބިސްގަނޑަކާއި ބްރައުން ކުލައިގައި ހުންނަ ޕާނުން ސޭންޑްވިޗެއް ހަދާލައިގެން ކެވިދާނެ އެވެ.

ދެވަނަ ކަމަކީ ހެނދުނު ކެއުމާއި މެންދުރު ކެއުމާ ނުވަތަ މެންދުރު ކެއުމާއި ރޭގަނޑު ކެއުމާއި ދޭތެރޭ ބަނޑުހައިވެއްޖެ ނަމަ ސިއްހަތަށް ފައިދާ ހުރި އެއްޗެއް ކާން އާދަކުރުމެވެ. ގިނަފަހަރު އެކަހަލަ ގަޑިގަޑީގައި އަހަރުމެންނަށް އާދަވެފައި ހުންނަނީ މައިލޯ ޕެކެޓެއް ނުވަތަ ފެންޓާއެއް ނުވަތަ ޗިޕްސް ޕެކެޓެއް ކެއުމަށެވެ. ނަމަވެސް އެގޮތަށް ކެއުން ނުވަތަ "ސްނެކް" ކުރުމަކީ ބަރުދަން ލުއި ކުރުމަށް ހުރަސްއެޅޭ ކަމެކެވެ. ނިއުޓްރިޝަނިސްޓުން ލަފާދޭ ގޮތުގައި ދެކެއުމުގެ ދޭތެރޭ ބަނޑުހައިވެއްޖެ ނަމަ ނުވަތަ ކާހިތްވެއްޖެ ނަމަ ކޮންމެވެސް އެއްޗެއް ކާލަައި ބަނޑުހައިކަން ފިލުވާލަންވާނެ އެވެ. އެގޮތުން އާފަލެއް އޮރެންޖެއް ނުވަތަ އެހެން ބާވަތެއްގެ މޭވާއެއް ކާލާ ވަގުތީ ގޮތުން ބަނޑުހައިކަން ފިލުވާލެވިދާނެ އެވެ. ކުދި ކެެއުމަށް ބަރުބޮލުގައި ހުންނަ އޮށް، ލޮނުކޮޅެއް ލައިގެން ފިހަލައިގެން ވެސް ކެވިދާނެ އެވެ.

ތިން ވަނަ ކަމަކީ ކާގަޑީގައި ހަމަ އެކަނި ކެއުމަށް ސަމާލުކަންދީގެން ކެއުމެވެ. ގިނަ ރިޕޯޓުތަކުން ބުނާ ގޮތުގައި ކާގަޑީގައި ހަމައެކަނި އެކަމަށް ސަމާލުކަންދީގެން ކާމީހަކާއި ކާއިރު ޓީވީ ބަލައި، ފޯނާއި ކުޅެ ނުވަތަ ފޮތެއް ކިޔަން އިންނަ މީހަކާ އަޅާކިޔާ އިރު ތަފާތެވެ. ފޯނާ ކުޅެ އަދި ޓީވީ ބަލަމުން ކާމީހާގެ ކެލަރީސް 40 ޕަސެންޓް އިތުރުވެ އެވެ.

ދެން އޮތް ކަމަކީ ކަސްރަތުކުރުމެވެ. ދުވާލަކު 30 މިނެޓު ހިނގުމުން ނުވަތަ ދުވުމުން ވެސް އެދުވަހެއްގެ ކަސްރަތު ނިމުނީ އެވެ. ނުވަތަ ގޭގައި ފަސް މިނެޓު ކަސްރަތު ކުރުމުގެ ގޮތުން "ޕުޝްއަޕްސް" އާއި "ސްކޮޓްސް" އާއި "ލަންޖަސް" ހެދުމުން ވެސް ހަށިގަނޑުގައި ހުންނަ ކެލޮރީސް މަދުކޮށް "މެޓަބޮލިޒަމް" އަވަސްކޮށްދެ އެވެ.

ފަސް ވަނަ ކަމަކަށް އޮތީ ދުވާލަކު އެއްފަހަރު ހަށިގަނޑުގެ ބަރުދަން ބެލުމެވެ. ކައްޓާއަކަށް އަރައި ބަރުދަން ބަލާއިރު ބަރުވެއްޖެ ނަމަ އަމިއްލައަށް ކެއުމަށް ބަދަލުގެނަސް ކަސްރަތުކުރުމުގައި ކުރިއަށް ވުރެ ގިނަ ވަގުތު ހޭދަކުރަންވާނެ އެވެ.

ހަ ވަނަ ކަމަކީ ކުއްލިއަކަށް ވަކި އެއްޗެއް ކާހިތްވުމުން އެކަމެއް ހަނދާނުން ފޮހެލުމެވެ. ބަނޑުހައި ނުވެ ހަމައެކަނި ޗޮކްލެޓެއް ނުވަތަ ޗީޒް ކޮޅެއް ކާހިތްވުމަކީ "ކްރޭވިންގްސް" އެވެ. ހޯދުންތަކުގައި ބުނާ ގޮތުގައި ކުއްލިއަކަށް ވަކި އެއްޗެއް ކާހިތްވުމުގެ އިހުސާސް ކުރެވޭނީ ގިނަފަހަރު ގާތްގަނޑަކަށް ފަސް މިނެޓަށެވެ. އަދި އެގޮތަށް އެއްޗެއް ކާހިތްވެއްޖެ ނަމަ އެންމެ ރަނގަޅު ގޮތަކީ އެކަމެއް ހަނދާނުން ފޮހެލުމަށް ރައްޓެއްސަކަށް ގުޅާލާ ވާހަކަދައްކާލާ ނުވަތަ އެކަހަލަ އެހެން ކަމެއް ކުރުމެވެ.

ހަތްވަނަ ކަމަކީ ހަމަ ނިދި ހޯދުމެވެ. ހަމަ ނިންޖަކީ ގިނައިން ކެއުމާ ދުރުވުމުގެ އިތުރުން ހަށިގަނޑުގައި ވަރުޖައްސައިދީ ސްޓްރެސް ވެސް ދުރުކޮށްދޭ ކަމަކެވެ. ހޯދުންތެރިން ބުނާ ގޮތުގައި ރޭގަނޑު 30 މިނެޓު އަވަހަށް ނިދާފައި ހެނދުނު 30 މިނެޓު ލަހުން ހޭލުމުން ކެއުމުގައި ބޭނުންކުރާ ނޭދެވޭ އާދަތަކަށް ރަނގަޅު ބަދަލެއް އަންނަ ކަމަށެވެ.

އަށްވަނަ ކަމަކީ ކޮންމެ ދުވަހަކު ވެސް ދެ މޭވާ ކެއުމެވެ. އެގޮތުން އެއްވެސް ވަރަކަށް ސަރުބީ ނުހުންނަ އަދި ގިނަ އަދަދެއްގެ ފެން އެކުލެވޭ ބާވަތުގެ މޭވާ ކެއުމަށް އާދަކުރަންވާނެ އެވެ. ކަރާ އާއި އާފަަލު ނުވަތަ އޮރެންޖަކީ ގިނަ އަދަދެއްގެ ފެނާއި މިނަރަލްސް އާއި ވިޓަމިންސް އެކުލެވިގެންވާ ތިން ބާވަތެއްގެ މޭވާ އެވެ.

އެންމެ ފަހު އަދި އެންމެ މުހިންމު ކަމަކީ ހިކުމަށް އަޒުމު ކަނޑައަޅައި އެއަޒުމު ވަރުގަދަ ކުރުމެވެ. އެގޮތުން އެންމެ ފުރަތަމަ ހިކެން ބޭނުންވި ސަބަބު ހަނދާނަށް ގެނައުމަކީ ރަނގަޅުކަމެކެވެ. އަދި ފެންނަން ހުންނަ ތަނެއްގައި ކަސްރަތުކުރާ މަންޒަރެއް ދައްކުވައިދޭ ޕޯސްޓަރެއް ނުވަތަ ހިތްވަރު ލިއްބައިދޭ ލިޔުންކޮޅެއް ހަރުކޮށްފައި ބެހެއްޓުމަކީ ވެސް ހިތްވަރު ލިބޭނެ ކަމެކެވެ.
މައުލޫމާތު: ހެލްތު ޑައިޖެސްޓް