09 Nov 2014, 13:53
ބ. އަތޮޅުގެ ތިން ރަަށަކަށް އަމާޒުކޮށްގެން ފުލުހުން މެޑިކަލް ކޭމްޕެއް ހިންގައިފި އެވެ.
ޕޮލިސް މެޑިކަލް އާއި ޕޮލިސް ފެމިލީ އެސޯސިއޭޝަން ގުޅިގެން މިދިޔަ ހުުކުރު ދުވަހު ފެށިގެން ކުރިއަށް ގެންދިޔަ އެ މެޑިކަލް ކޭމްޕް ބާއްވާފައި ވަނީ ބ. އަތޮޅު އޭދަފުއްޓާއި ތުޅާދޫ އަދި މާޅޮހުގަ އެވެ. އެ ކޭމްޕް ރަސްމީކޮށް އިއްޔެ ފައްޓަވައި ދެއްވީ ބ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް މަބްރޫކް ނަސީރު އެވެ.
ފުލުހުން ބުނީ އެ ކޭމްޕްގެ ބޭނުމަކީ އެ ތިން ރަށުގެ ރައްޔިތުންނަށް ތަފާތު ދާއިރާތަކުން ހާއްސަ ޑޮކްޓަރުންގެ ޓީމަކުން، ރަށުގައި ތިބެގެން ލުއި ފަސޭހަކަމާ އެކު ސިއްހީ ފަރުވާ ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. މީގެ އިތުރުން ރައްޔިތުންނަށް ސިއްހީ މައުލޫމާތު ފޯރުކޮށްދިނުމާއި ސިއްހީ ގޮތުން އެކަށީގެންވާ މާހައުލެއް ގާއިމްކުރުމުގެ އިތުރުން ފުލުހުންގެ މަަސައްކަތުގެ ރައްޔިތުން ބައިވެރިކުރުން ވެސް ހިމެނޭ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ހާއްސަ މެހުމާނެއްގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ މުހައްމަދު ސޯދިގު ވިދާޅުވީ، ފުލުހުންގެ ހަމައެކަނި މަސައްކަތަކީ ތަހުގީގު ކުރުން ނޫން ކަމަށެވެ.
"ދިވެހި ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި އެވަގުތަކު ފުލުހުންގެ ފަރާތުން ކުރެވެން އޮންނަ ކޮންމެ މަސައްކަތެއް ވެސް ފުލުހުން ކުރަމުންދާނެ،" ސޯދިގު ވިދާޅުވި އެވެ.
އެ ކޭމްޕް ހިންގުމުގައި އޭޑީކޭ އިން ލިބިފަައިވާ އެހީތެރިކަމަށް އަލި އަޅުއްވާލައްވައި އެ ހޮސްޕިޓަލްގެ އިސް ވެރިންނަށް ޑެޕިއުޓީ ކޮމިޝަނާ ޝުކުރު އަދާކުރެއްވި އެވެ. އަދި އެ ކޭމްޕުގައި އަމިއްލަ ގޮތުން ބައިވެރިވި ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަބްދުލްއަޒީޒް އަޖުމަދަށާއި ދަތުގެ ހާއްސަ ޑޮކްޓަރު އަހުމަދު ސަލީމަށް ވެސް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
އެ ކޭމްޕްގައި އޭޑީކޭ ހޮސްޕިޓަލްގެ ލޮލުގެ ހާއްސަ ޑޮކްޓަރަކާއި އަންހެނުގެ ހާއްސަ ޑޮކްޓަރެއްގެ އިތުރުން ސާޖަރީ އަށް ހާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ބަލި މީހުން ބެލުމުގައި ހަރަކާތްތެރިވެފައިވެ އެވެ. އަދި ފުލުހުންގެ އާއްމު ބަލިތަކުގެ ތިން ޑޮކްޓަރުން ފުލުހުންގެ ކަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ވެސް ހިމެނެ އެވެ.
އެ ކޭމްޕަށް ބ. އަތޮޅު ހޮސްޕިޓަލާއި އެ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ އިތުރުން އެ ކޭމްޕް ހިންގި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ވަރަށް ބޮޑަށް ލިބިފައިވާ އިރު ގިނަ ބައެއްގެ ތަރުހީބު ކޭމްޕަށް ލިބުނު ކަމަށް ފުލުހުން ބުންޏެވެ.