09 Nov 2014, 13:22
މި ލިޔުމުގައި އެންމެ ފުރަތަމަ ވެސް ހިއްސާކޮށްލަން މިޖެހެނީ ރަނގަޅު ނޫން ވާހަކަ އެކެވެ. "ދަ ބޮޑީ ކްލޮކް ގައިޑް ޓު ބެޓާ ހެލްތު"ގައި ހާމަކޮށްފައިވާ ގޮތުން ހެނދުނު ހެނދުނާ ހޭލުމުގެ އާދަ ގެންގުޅެނީ ކޮންމެ ދިހަ މީހުންގެ ތެރެއިން އެންމެ މީހެކެވެ. އަދި މިކަމުގެ އޮތް ރަނގަޅު ޚަބަރަކީ މުޅި ރޭގަނޑު ހޭލައި އުޅުމުގެ އާދަ ގެންގުޅޭ މީހުންގެ ނިސްބަތް އުޅެނީ ކޮންމެ ދިހަ މީހެއްގެ ތެރެއިން ދެ މީހުންނަށެވެ. އަދި ދެން ތިބި މީހުންނަކީ މި ދެމެދަށް ފެތޭ މީހުންނެވެ. އެގޮތުން ކިތަންމެ ދަންވަންދެން މަސައްކަތުގައި އުޅުމަށް ފަހު ވެސް ހެނދުނު ހެނދުނާ ހޭލުމުގެ އާދަ ގައިގާ އަށަގެންނުވިދާނެ އެވެ. އެގޮތުން މި ލިޔުމުގައި މިބަލައި ލަނީ މިކަން ކުރުމަށް ކުރެވިދާނެ ކަންތައްތަކަށެވެ.
އެންމެ މުހިންމު ކަމަކީ ހުރިހާ ކަމެއްވެސް ދުރާލާ ރާވައިލުމެވެ. ނިދި ހަމަކުރުމަށް ފަހު ހޭލުމުގެ އާދަ ގެންގުޅޭށެވެ. ނިދާ ހޭލާ ގަޑީގައި އެތައް ފަަހަރަކު އެލާމް ސްނޫޒަށް ލެވޭ ކަމުގައިވާ ނަމަ އެކަމުން ހާމަކޮށްދެނީ ތިބާ އަށް ލިބެންވާ ވަރަށް އަދި ނިދި ނުލިބޭ ކަމެވެ. ހަމަނިދި ލިބުމަށް ފަހު ހޭލާކަމުގައިވާ ނަމަ އެލާމްއެއްގެ ބޭނުމެއް ވެސް ތިބާއަކަށް ނުޖެހޭނެ އެވެ. މިކަމަކީ ބުނެލާހާ ފަސޭހައިން ކުރެވޭ ކަމަކަށް ނުވެދާނެ އެވެ. އެހެންނަމަވެސް ތަޒާކަމާ އެކު ހެނދުނު ގަޑީގައި ހޭލުމަށް ޓަކައި ކުރެވިދާނެ ކަންތައްތަކަށް މިތާނގައި ބަލައިލާނަމެވެ.
ކޮންމެ ދުވަހަކު ވެސް ނިދަން ވަކި ޚާއްސަ ތަވާލެއް ގެންގުޅުމަކީ ހަމަޖެހިލައިގެން ފުރިހަމަ ނިންޖެއް ލިބޭނެ ގޮތެކެވެ. އެގޮތުން ތާވަލު ކުރިއަށް ޖައްސައިލަން ބޭނުންކަމުގައިވާ ނަމަ، ނިދާގަޑި ފަނަރަ ވަރަކަށް މިނިޓް ކުރިއަށް ޖައްސައިލާށެވެ. ހެނދުނު ވަކި ގަޑިއެއްގައި ހޭލުމުގެ އާދަ ހަރުލައްވަން ބޭނުންކަމުގައިވާ ނަމަ ގަޑި ބަދަލުކުރުމުގެ ފަނަރަ މިނިޓް އިން ބަދަލުކުރަމުން ގެންދާށެވެ.
އަދުގެ މުޖުތަމައުގައި މަސައްކަތުގައި މަޝްއޫލުވެ އުޅޭ މީހުންނަށް އަމިއްލަ ކަންތައްތަކަށް އަދި ވަޒީފާގެ ޒިންމާތަކަށް ވަގުތު ދިނުމަށް ފަހު ނިދުމަށް ޓަކައި ދެވެނީ ވަރަށް ކުޑަ ވަގުތު ކޮޅެކެވެ. އެހެންނަމަވެސް މިކަމުގައި އޮތް އެންމެ ރަނގަޅު ގޮތަކީ މަސައްކަތުން އެއްފަރާތް ވުމަށް ފަހު ނިދުމާ ދޭތެރޭގައި އެއްގަޑިއިރުގެ ހުސްވަގުތު ކޮޅެއް ހޭދަކުރުމެވެ. ތާވަލު ކުރިއާލާ ރާވައިލުމުން އެކަމަކަށް ތިބާގެ ހަށިގަނޑު ތައްޔާރުވުމަށް ވެސް ފަސޭހަވެގެންދާނެ އެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ނިދުމުގެ ކުރިން ކުރާނެ ކަންތައްތަށް ރާވައިލެވިދާނެ އެވެ. މިސާލަކަށް ސައި ފަދަ ލުއި އެއްޗެއް ބޭނުން ކުރުމަށް ފަހު 20 މިނިޓް ވަރު ވަންދެން ފޮތެއް ފަދަ އެއްޗެއް ކިޔާލުމަށް ހޭދަ ކުރެވިދާނެ އެވެ. ނިދުމަށް އިތުރު ވަގުތު ބޭނުން ނަމަ ދުވާލު ގަޑީގައި ނިދާށެވެ. އެހެން ނޫން ކަމުގައިވާ ނަމަ ރޭގަނޑު ނިދާ ތާވަލަށް މިކަމުން ބުރޫއަރާފާނެ އެވެ.
ނިދުމުގެ ކުރިން މާގިނައިިން ކެއުމަކީ ހަށިގަނޑަށް ގެއްލުން ހުރި ކަމަކަށްވާ ފަދައިން ބަނޑުހައިވެ ހުރެ ނިދުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. އަދި މިކަމުގެ ސަބަބުން ރޭގަނޑުގެ ނިދުމަށް ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހިދާނެ އެވެ. ކެއުމުގެ އިތުރަށް ނިދާގަޑިއާ ކައިރިކޮށް އެއްޗެހި ބުއިމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. މިކަމުގެ ސަބަބުން ނިދުމުގެ ތެރޭގައި ފާހާނާ އަށް ދާން ޖެހުމުން ނިދުމަށް ބުރުއަރަ އެވެ.
ނިދަން ބޭނުން ކުރެވޭ އަލީގެ ސަބަބުން ވެސް ނިދުމަށް އުދަނގޫތަކެއް ކުރިމަތި ވެދާނެ އެވެ. ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ލެޕް ޓޮޕް، ފޯން ފަދަ އިލެކްޓްރޯނިކް ވަސީލަތްތަކުން ފެންނަ ނޫކުލައިގެ އައްޔަކީ ނިދުމަށް އެކަމުން އުދަނގޫތަކެއް ފޯރާ ކަމެކެވެ. ކޮންމެ ކަހަލަ އައްޔެއް ފެންނަން ހުންނަ ކަމުގައިވާ ނަމަވެސް ހަށިގަނޑުގެ ތެރޭގައި މަސައްކަތް ކުރަމުންދާނެ އެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ނިދުމުގެ އެއްގަޑި އިރު ކުރިން އަލިގަދަ ސްކްރީން ފަދަ އެއްޗެހި ނިއްވާލުމެވެ.
ރަނގަޅަށް ތައްޔާރުވުމަށްް ފަހު ނިދާށެވެ. އެގޮތުން ނިދުމުގެ ކުރިން ހުސްކުރާ އެއްގަޑިއިރު ތެރޭގައި ކުރިއަށް އޮތް ދުވަހުގެ ތާވަލު ރާވައިލެވިދާނެ އެވެ. އޭރުން ހެނދުނު ތެދުވެ އެކަން ކުރުމަށް ވުރެ ފަސޭހަވެގެންދާނެ އެވެ. ތިބާއަށް ނިދަން އެންމެ އަރާމު، ފަސޭހަ ގޮތް ޚިޔާރުކުރާށެވެ. ފިނިހޫނުމިން، އަޑު އަދި އައްޔަކީ ވެސް އޭގެ ސަބަބުން ނިދުމަށް އަސަރުކުރާނެ ކަންތަކެވެ. އަދި ހަމަ އެހެންމެ ނިދަން ބެނުންކުރާ ތަންމައްޗަކީ ވެސް ނިދުމަށް އޭގެ ވަރަށް ބޮޑު އަސަރުކުރާ އެއްޗެކެވެ.