09 Nov 2014, 13:13
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ލިވަޕޫލް ބައްދަލު ކުރި މެޗް 2-1 ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބުކޮށް، ތާވަލްގެ އެއްވަނައިގައި އެ ޓީމްގެ ލީޑް ފުޅާކޮށްފި އެވެ.
މި މެޗުގެ ކުރީކޮޅު ލީޑް ނަގާފައި ވަނީ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ލިވަޕޫލް އެވެ. ނުވަ ވަނަ މިނެޓުގައި ލިވަޕޫލްގެ އެމްރީ ޗާން އެ ޓީމަށް ކާމިޔާބު ކޮށްދިން މި ލަނޑަށް މެޗުގެ 14 ވަނަ މިނެޓުގައި ޗެލްސީ އިން ވަނީ ޖަވާބުދީ، ނަތީޖާ ހަމަހަމަ ކޮށްފައެވެ. ކޯނަރަކުން ނަގައިދިން ބޯޅަ ލިވަޕޫލްގެ ކީޕަރު ސައިމަން މިނޮލޭ ދިފާއުކުރިނަމަވެސް، ޗެލްސީގެ ގެރީ ކޭހިލް ވަނީ ރީބައުންޑް ބޯޅައިގެ ބޭނުން ހިފައި، ޗެލްސީއަށް އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. ކޭހިލްގެ މި ލަނޑު ކަށަވަރުކޮށްފައި ވަނީ، ގޯލް ލައިން ޓެކްނޯލޮޖީގެ އެހީގައެވެ.
މެޗުގެ 19 ވަނަ މިނެޓުގައި މާރިއޯ ބަލޮޓެލީގެ ފަރާތުން ލަނޑެއް ފެނިގެން ދިޔަ ނަމަވެސް އޭނާ އޮފްސައިޑްގައި ހުރުމުން ލިވަޕޫލަށް މެޗުގެ ކުރި ލިބޭގޮތެއް ނުވި އެވެ. ފުރަތަމަ ހާފްގެ މެދެއްހާ ހިސާބުން ފެނިފައި ވަނީ ލިވަޕޫލް ކޮޅުގައި ބޯޅަ ހިފައްޓަން ޗެލްސީއަށް ދަތިވެގެން ދިޔަ ތަނެވެ. ނަމަވެސް ޗެލްސީއިން ވަނީ ހާފްގެ ފަހު ފަނަރަ މިނެޓުގެ ކުޅުން ރަނގަޅުކޮށް، ރީތި ހަމަލާ ތަކެއް ލިވަޕޫލްގެ ގޯލަށް އަމާޒުކޮށްފައެވެ.
ޗެލްސީ އިން ދެވަނަ ހާފު ފައްޓާފައި ވަނީ އެ ޓީމްގެ ފަބްރެގާސް، ހަޒާޑް އަދި އޮސްކާ ގެ ރޭވުންތެރި ކުޅުމާއެކު ރަނގަޅު ފޯމެއްގައެވެ. މި ހާފް ފެށުނުތާ އިރުކޮޅެއްތެރޭ ލިވަޕޫލުން އެޓީމްގެ ކުޅުން ރަނގަޅު ކޮށްފައި ވާއިރު، މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ 67 ވަނަ މިނިޓުގައި ޗެލްސީއިން އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބު ކުރުމުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ޑިއޭގޯ ކޯސްޓާ އެވެ.
ޗެލްސީގެ މި ލީޑާއެކު، ލިވަޕޫލްގެ ކޯޗް ރޮޖާސް ވަނީ ޓީމްގެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ކުޅެވުނު އިރު ލިވަޕޫލަށް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.
މި ނަތީޖާ އާއި އެކު ޕްރިމިއާ ލީގްގައި ކުޅުން އެގާރަ މެޗުގެ ތެރޭން އެންމެ ހަތަރު މެޗު ކާމިޔާބު ކުރެވިފައިވާ ލިވަޕޫލް މިހާރު އޮތީ 14 ޕޮއިންޓާއެކު ލީގު ތާވަލްގެ އަށް ވަނައިގައެވެ. އަދި ކުޅުނުް އެގާރަ މެޗުން ނުވަ މެޗު ކާމިޔާބު ކުރި ޗެލްސީ ވަނީ މި މެޗާއެކު ތާވަލްގެ އެއްވަނައިގައި އެ ޓީމްގެ ލީޑް 29 ޕޮއިންޓަށް ފުޅާކޮށްފައެވެ.