09 Nov 2014, 12:52
މުއާސަލާތީ ކުންފުނި، ދިރާގަށް މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 174 މިލިއަން ރުފިޔާ ލިބި ހިއްސާއަކަށް 2.29 ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.
އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި އެ ކުންފުނީގެ ހިއްސާއަކަށް 2.29 ރުފިޔާ ޖެހިފައިވެ އެވެ. ދެވަނަ ކުއާޓަރުގައި ހިއްސާއަކަށް ލިބިފައިވަނީ 2.16 ރުފިޔާ އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން މިއަދު ނެރުނު މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް 498 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. ޓެކްސް ނުކަނޑައި ފައިދާއަކީ 204 މިލިއަން ރުފިޔާކަމަށް ވާއިރު ތިންވަނަ ކުއާޓަރުގެ ސާފު ފައިދާ އަކީ 174 މިލިއަން ރުފިޔާ އެވެ.
މިދިޔަ ކުއާޓަރުގެ ހިންގުމުގެ ހަރަދަކީ 207 މިލިއަން ރުފިޔާ އެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުއްޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 163 މިލިއަން ރުފިޔާ އެވެ. އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރަށް ވުރެ މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާ، 6.75 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.
ދިރާގަކީ ބަހުރެއިންގެ ކުންފުއްޏެއްކަމަށްވާ ބަޓެލްކޯ އާއި ދިވެހި ސަރުކާރު ހިއްސާވާ ކުންފުއްޏެކެވެ.