މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މި އަހަރު 21 ބޭފުޅަކަށް ދިނުމަށް ހާއްސަ އިނާމާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި މިއަދު ބުނެފައިވާ ގޮތުގައި މިއަހަރު މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރައްވަނީ 16 ބޭފުޅުންނެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރައްވަނީ އެންމެ ބޭފުޅެކެވެ.

މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާ ހިލާފު ކާމިޔާބީއެއް ހާސިލު ކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރައްވަނީ ވެސް އެންމެ ބޭފުޅެކެވެ. ސަރުކާރުން ކަނޑައަޅުއްވާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ރޮނގުން މިއަހަރު ހުޅުއްވާލައްވާފައިވާ ދާއިރާތަކުގެ ތެރެއިން އިނާމަށް ނަން ހުށަހެޅުނު ދެ ދާއިރާއަކުން ތިން ބޭފުޅަކަށް ވެސް މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މެޑެލް ދެއްވާނެ އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މި ނޮވެންބަރު މަހުގެ 11 ވާ އަންގާރަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.

ސަރުކާރުން ދޭ ބައެއް ހާއްސަ މެޑެލް ވެސް މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނެ އެވެ. އެގޮތުން މެޑެލް ދެއްވަނީ ކީރިތި ގުުރުއާން ހިތުދަސްކުރައްވައިގެން ޙާފިޡު ކަމުގެ ސަނަދު ހާސިލު ކުރެއްވި ތިން ބޭފުޅަކަށާއި މި އަހަރު ބޭއްވި މަތީ ޘާނަވީ އިމްތިޙާނުން މުޅި ދުނިޔެ އިން އެކައުންޓްސް އިން އެއް ވަނަ ހާސިލު ކުރި ދަރިވަރުންނަށެވެ. އަދި ޕްރެޒިޑެންޓް ގައިޑް ބެޖް ހާސިލުކުރި ދަރިވަރަށް ވެސް މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މެޑެލް ދެއްވާނެ އެވެ.