09 Nov 2014, 12:17
މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެ ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް ދިނުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ކަނޑައަޅައިފި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މި އަހަރު ޝަރަފުވެރި ކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ ދެ ބޭފުޅުންނަކީ، މީގެ ކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ދެ ބޭފުޅުންނެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދިނުން އޮންނާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މި މަހުގެ 11 ވަނަ ދުވަހު ހެނދުނު 9 ޖަހާއިރު ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ. މި ބޭފުޅުންނަށް އިނާމުތައް ދެއްވާނީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮވުމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން ކުރި މަސައްކަތުގައި މައިގަނޑު ގޮތެއްގައި ބަލާފައި ވަނީ، މި އިނާމާ ބެހޭ ގޮތުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާ ކަންތައްތަކުގެ މައްޗަށެވެ.
އިނާމަށް ބޭފުޅުން ހޮއްވެވި އިރު، ކޮމިޓީން ބައްދަލުކޮށް މައުލޫމާތު ހޯދާފައި ވަނީ، ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ކަނޑައެޅި މިންގަނޑުތަކެއްގެ ދަށުން ޕޮއިންޓް ދިނުމަށް ފަހު، އެ ދާއިރާއަކުން އެންމެ އެކަށީގެންވާ ކަމަށް ކޮމިޓީއަށް ފެނިވަޑައިގެންނެވި ބޭފުޅުންނަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން، އިނާމަށް ނަން ހުށަހެޅުނު ދާއިރާތަކުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އެކި ބޭފުޅުންނާ ކޮމިޓީން ވަކިވަކިން ބައްދަލުކޮށް އެފަރާތްތަކުގެ މަޝްވަރާއާއި ލަފާ ހޯދާފައި ވެއެވެ. އަދި އިނާމަށް ހުށަހެޅުނު ބައެއް ބޭފުޅުންގެ މަސައްކަތް ވެސް ކޮމިޓީގެ މެންބަރުން ބަލާފައި ވެއެވެ.