ޒަމާނީ އެކިއެކި ވަސީލަތްތަކުން ކަރަންޓު ބޭނުންކުރާ މިންވަރު އާންމުންނަށް އަންގައިދިނުމަށް، އެނާޖީ ލޭބަލިން ސިސްޓަމެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިއަށްގެންދާ "އިޓްސް ކޫލް އެޓް 25" ކެމްޕޭނުގައި ދިރާގުން ރަސްމީކޮށް ބައިވެރިވުމަށް މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޒަމާނީ އެކިއެކި ވަސީލަތްތައް އާންމުވަމުން އަންނައިރު އެ ވަސީލަތްތަކުން ކަރަންޓު ޚަރަދުވާ މިންވަރު އާންމުންނަށް އެނގެން ޖެހޭ ކަމަށެވެ.

އެގޮތުން އާންމު ދިރިއުޅުމުގައި ބޭނުން ކުރަމުން އަންނަ އެއާކޯން ފަދަ ތަކެތި ގަތުމުގެ ކުރިން އެއީ ކިހާވަރަކަށް ކަރަންޓު ޚަރަދުވާ އެއްޗެއްތޯ އަންގައިދިނުމާއި އެއާ ބެހޭ މައުލޫމާތު ކަސްޓަމަރުންނަށް ދިނުމަށް އެ ސިސްޓަމް އަންނަ އަހަރު ލޯންޗް ކުރެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކަރަންޓު ބޭނުންކުރާ އެކިކަހަލަ ވަސީލަތްތައް ގަތުމުގެ ކުރިން އެއިން ކަރަންޓު ބޭނުން ކުރަނީ ކިހާވަރަކަށްތޯ އަންގައި ދިނުމަށް އެނާޖީ ލޭބަލިން ސިސްޓަމެއް ތައާރަފު ކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން. އަންނަ އަހަރު އިރާދަކުރެއްވިއްޔާ އެ ސިސްޓަމް ތައާރަފް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ، އަންނަ އަހަރު އެ ސިސްޓަމް ތައާރަފް ކުރުމުން ފަހަރަކު ވަސީލަތެއްގެ މައުލޫމާތު ފޯރުކޮށް ދިނުމުގެ މަސައްކަތް މިނިސްޓްރީން ފަށާނެ ކަމަށެވެ.