09 Nov 2014, 11:56
އޮންލައިން ވިޔަފާރީގައި ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކުންފުނި، އެމޭޒަން އިން 'ވޮއިސް ކޮމާންޑް' ބޭނުން ކުރާ ބްލޫޓުތު ސްޕީކަރެއް ކަމަށްވާ އެމޭޒަން އެކޯ ނެރެފި އެވެ.
"އެލެކްސާ" ގެ ނަމުން ނަން ދީފައިވާ މި އާލާތަކީ، ޕާސަނަލް އެސިސްޓެންޓް އާއިލާއަށް އާ މެމްބަރެކެވެ. އެލެކްސާ ވާދަ ކުރާނީ އެންޑްރޮއިޑްގެ "ގޫގަލް ނައު" އާއި އައިއޯއެސް ގެ "ސިރީ" އަދި ވިންޑޯސް ފޯނުގެ "ކޯޓާނާ"އާ އެވެ.
ނުވަ އިންޗީގެ ސިލިންޑަރެއް ހެން ފަރުމާކޮށްފައިވާ އެ ސްޕީކަރަށް މީހަކު ވާހަކަ ދައްކާއަޑު ދުރުން އިވޭނެ ކަމަށް އެމޭޒަން އިން ބުނެފައިވެ އެވެ. މީގެ އިތުރުން ލަވަ ޖަހާފައި ހުރި ކަމުގައި ވިޔަސް "އެލެކްސާ" ކިޔާ ކޮމާންޑް ބޭނުން ކުރުމުން އެއަށް އަޑު އިވޭނެ އެވެ.
ކްލައުޑްގެ އެހީއާއެކު މައުލޫމާތު އެއްކުރާ މި އާލާތް ބޭނުން ކޮށްގެން އެލާމް ސެޓް ކުރުމާއި އިންޓަނެޓް މެދުވެރިކޮށް ބޭނުން ސުވާލެއް ކޮށްލެވޭނެ އެވެ. ހަމައެކަނި ދައުވަތު ލިބިގެން ގަނެވޭ އެކޯގެ އަގަކީ 199 ޑޮލަރެވެ. އަދި ޕްރައިމް ސަބްސްރައިބަރުންނަށް 99 ޑޮލަރަށް އެ ގަންނަން ލިބޭނެއެވެ.