ރޭ ކުޅުނު ޕްރިމިއާ ލީގްގެ މެޗުތަކުގެ ތެރޭން، މެންޗެސްޓާ ސިޓީ އާއި ކުއީންސް ޕާކް ރޭންޖާސް ބައްދަލު ކުރި މެޗް އެއްވަރުވެ، ލެސްޓާ ސިޓީ އާއި ސައުތެމްޕްޓަން އެފްސީ ބައްދަލު ކުރި މެޗް ސައުތެމްޕްޓަން އިން ކަމިޔާބު ކޮށްފި އެވެ.

މި ނަތީޖާތަކާ އެކު ލީގް ތާވަލްގެ ދެވަނައިގައި އޮތް ސައުތޭމްޕްޓަނުން ވަނީ ތިން ވަނައިގައި އޮތް ސިޓީއާ ދެމެދު ޕޮއިންޓްގެ ގޮތުން އޮތް ފަރަގު ބޮޑު ކޮށްފައެވެ. ރޭގެ މި މެޗުތަކުގެ ނަތީޖާ އާއި އެކު ސިޓީއަށް ލީގުގައި މިހާރު ލިބިފައި ވަނީ މުޅިއެކު 21 ޕޮއިންޓެވެ. އަދި ސައުތޭމްޕްޓަން އަށް ލިބިފައި ވަނީ މުޅިއެކު 25 ޕޮއިންޓެވެ.

ރޭ ސިޓީއާއި ކިއުޕީއާރް ބައަދަލު ކުރި މެޗުގައި ސިޓީން ކާމިޔާބު ކުރި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ސާޖިއޯ އަގުއޭރޯ އެވެ. އެއާ ހިލާފަށް ސައުތޭމްޕްޓަންގެ ޗާލީ އޮސްޓިން އެ ޓީމަށް އެއް ލަނޑު ކާމިޔާބު ކޮށްދީފައި ވާއިރު، އެ ޓީމުގެ އަނެއް ލަނޑަކީ ސިޓީގެ އާޖެންޓީނާ ޑިފެންޑަރު މާޓިން ޑެމިކޭލިސް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.

މި މެޗުގައި ދެ ޓީމުންވެސް ދައްކާފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ.

ސިޓީގެ މެޗު އެއްވަރުވެފައި ވާއިރު، ލެސްޓާ އާއި ދެކޮޅަށް ސައުތޭމްޕްޓަން ކުޅުން މެޗު ޑޮމިނޭޓް ކޮށްފައި ވަނީ ސައުތޭމްޕްޓަނުންނެވެ. މި މެޗުގައި ލެސްޓާއަށް ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައި ވަނީ އެންމެ ޝޮޓެކެވެ.

މެޗުގައި ފެނިގެން ދިޔަ ދެ ލަނޑުވެސް ސައުތޭމްޕްޓްނަށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޝޭން ލޯންގް އެވެ. ފަސް މިނެޓުގެ ވަގުތު ކޮޅެއްގެ ތެރޭގައި ސައުތޭމްޕްޓަނުން ކާމިޔާބު ކުރި މި ދެ ލަނޑު ފެނިފައި ވަނީ މެޗުގެ ދެވަނަ ހާފްގެ ފަހު ފަނަރަ މިނެޓު ތެރޭގައެވެ.

ރޭގެ މި މެޗުތަކުގެ ނަތީޖާއާއި އެކު ގިނަ ބަޔަކު ވަނީ ފަހަކަށް އައިސް ސިޓީގެ ކުޅުން ދަށްވަމުން ދާކަމާ މެދު ސުވާލު އުފައްދާފައެވެ. އެ ޓީމުން ހުރިހާ މުބާރާތްތަކެއްގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރޭން ތިން މެޗުން ބަލިވެފައި ވާއިރު، ޗެންޕިއަންސް ލީގަށް ކޮލިފައި ވެފައި ނުވާ ސައުތޭމްޕްޓަން ވަނީ އެ ޓީމުން ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުން ހަތަރު މެޗުވެސް ކާމިޔާބު ކޮށްފައެވެ.