އެންމެ ބޮޑު ޓެރަރިސްޓްކަމަށް އެމެރިކާ އިން ކުރިން ދުށް ސައުދީ އަރަބިއްޔާގެ މަހުޖަނު އުސާމާ ބިން ލާދިން މަރާލި ކަމަށް އެމެރިކާ އިން އިއުލާންކުރީ 2011 ވަނަ އަހަރު އެވެ.

ވަރަށް ސިއްރިއްޔާތުގައި މަސައްކަތް ކުރާ ބައެއް ކަމަށްވާ ނޭވީ ސީލް އިން ހިންގި އެ އޮޕަރޭޝަނުގައި ބައިވެރިވި ބައެއް މީހުން މިހާރު ވަނީ އަމިއްލައަށް ފާޅުވެގަނެފަ އެވެ. މީގެ ދެ އަހަރު ކުރިން " ނޯ އީޒީ ޑޭ"ގެ ނަމުގައި ފޮތެއް ލިއުނު މޭޓް ބިސޮނެޓް ބުނެފައި ވަނީ އުސާމާ މަރުވި ހަމަލާ ދިނީ އޭނާ ކަމަށެވެ. ނަމަވެސް އޭނާގެ ވާހަކައާ ހިލާފުވާ ވާހަކަތަކެއް ފާއިތުވި ހަފުތާގައި އެހެން ބައެއް މީހުން ވަނީ އާއްމުކޮށްފަ އެވެ.

އެމެރިކާގައި މަޝްހޫރުކަން ލިބިފައިވާ "ނޭވީ ސީލް ޓީމްސިކްސް"ގެ މެމްބަރެއް ކަމަށްވާ އުމުރުން 38 އަހަރުގެ ރޮބަޓް އޯ ނީލް މިދިޔަ ބުރާސްފަތި ދުވަހު ވޮޝިންޓަން ޕޯސްޓް ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ބިންލާދިން މަރުވި ހަމަލާ ދިނީ އޭނާ ކަމަށެވެ. ހަމަ އެ ދުވަހުގެ ފަހުގެ ވަގުތެއްގައި ނިއުޔޯކް ޓައިމްސް އިން ބުނީ ބިންލާދިން މަރުވި ހަމަލާ ދިން ކަމަށް ނަން ހާމަ ނުކުރާ އެހެން މީހަކު ބުނި ކަމަށެވެ.

އެމެރިކާ އިން އިއުލާނު ނުކޮށް، ބައިނަލްއަގުވާމީ ހުރިހާ ގާނޫނަކާ ހިލާފަށް ހިންގި އެ އޮޕަރޭޝަނުގައި ބައިވެރިވި މީހުންނަކީ ސިއްރު ހިފަހައްޓަން ޖެހޭ ބަޔަކަށް ވިޔަސް އެމީހުން މިވަނީ ވަރަށް ފާޅުގައި ވާދަވެރިކަމެއް ފަށާފަ އެވެ.
ނޭވީ ސީލްގެ ސިފައިންނަކީ އެމެރިކާ ސިފައިންގެ ގަވައިދުތައް ބުނާ ގޮތުން ސިއްރު ހިފަހައްޓަން ޖެހޭ ބަޔަކަށް ވާތީ އެމީހުން ނޭވީ ސީލްގެ ގަވައިދާ އެއްގޮތަށް "ސިއްރު ހަނގުރާމަވެރިން"ގެ ގޮތުގައި ތިބުމަށް ހިތްވަރުދޭ ކަމަށް ވައިޓްހައުސް އިން ވަނީ ބުނެފަ އެވެ.

ބިންލާދިން މަރައިލި ކަމަށް ބުނެ ފޮތެއް ލިއުނު މޭޓް ބިސޮނެޓް އޭނާގެ ފޮތް ލިއުނީ އެހެން ނަމެއްގަ އެވެ. ނަމަވެސް އޭނާގެ ފޮތް ޝާއިއު ނުކުރެވެނީސް އޭނާ އެއީ ކާކުކަން ވަނީ ފަޅާ އަރައިފަ އެވެ. އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަން އިން މިހާރު އޭނާއާ މެދު ތަހުގީގެއް ހިންގަން ފަށާފައިވާ ކަމަށް ވޯލްސްޓްރީޓް ޖާނަލްގައި ވެ އެވެ.

ނަމަވެސް ބިންލާދިން މަރައިލި ކަމަށް ބުނެ ފޮނި ކެނޑި އެއްވެސް މީހެއްގެ ވާހަކަ ޕެންޓަގަން އިން އަދި ދޮގެއް ވެސް ނުކުރެ އެވެ. އެހެންވީމާ ބިން ލާދިން މަރައިލީ މީގެ ތެރެއިން ކާކު ކަމެއް އަދި އޮޅުމެއް ނުފިލަ އެވެ.