ކަރަންޓު ޚަރަދު ކުޑަކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން "އިޓްސް ކޫލް އެޓް 25"ގެ ނަމުގައި ކުރިއަށްގެންދާ ކެމްޕޭނުގައި މުއާސަލާތީ ކުންފުނި، ދިރާގުން ބައިވެރިވެއްޖެ އެވެ.

އެކަމަށްޓަކައި ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކެމްޕޭނުގައި ރަސްމީކޮށް ބައިވެރިވުމުގެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދު އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.

އިޓްސް ކޫލް އެޓް 25 ކެމްޕޭނަކީ ކަރަންޓު އެންމެ ގިނައިން ހޭދަވާ އެއް ވަސީލަތްކަމަށްވާ އެއާ ކޮންޑިޝަން ނުވަތަ ފިނި ކުރަން ބޭނުންކުރާ އެފަދަ ތަކެތި ފިނިހޫނުމިން 25 ގައި ބަހައްޓައިގެން ކަރަންޓު ޚަރަދު ކުޑަކުރުމަށް އާންމުންނާއި ކުންފުނިތައް ހޭލުންތެރި ކުރުވުމަށް ކުރިއަށްގެންދާ ކެމްޕޭނެކެވެ.

ކެމްޕޭންގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ. އަހުމަދު ޝަރުވާން

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީ އިސްމާއިލް ރަޝީދު ވިދާޅުވީ ރާއްޖެއަކީ މިއަދާ ހަމައަށް އައި އިރު ވެސް ތެޔޮ އަންދައިގެން ނޫން ގޮތަކަށް ކަރަންޓު އުފައްދަން އަދި މާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނުވާ ގައުމަކަށް ވާތީ، ކަރަންޓު ޚަރަދު ކުޑަކުރުމުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ.

"އޭސީ އަކީ ކަރަންޓު ޚަރަދު އެންމެބޮޑު އެއް އިކުއިޕްމަންޓް މިހާރު އަޅުގަނޑުމެން ބޭނުން ކުރަމުން އަންނަ. އެހެންކަމުން އޭސީ 25ގައި ބަހައްޓައިގެން ވެސް ފުއްދާލައިގެން އުޅެވޭނެ. ކަރަންޓު ޚަރަދު ކުޑަކުރަން އެންވަޔަރަންމަންޓް މިނިސްޓްރީން ފައްޓަވާފައިވާ މި ކެމްޕޭނަކީ ވަރަށް މުހިންމު ކެމްޕޭނެއް،" އިސްމާއިލް ވިދާޅުވި އެވެ.

އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު ވިދާޅުވީ، ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 30 ޕަސެންޓަކީ ކަރަންޓު އުފެއްދުމަށްޓަކައި ތެޔޮ އެތެރެކުރުމަށް ދާ ޚަރަދު ކަމަށެވެ. އެގޮތުން އެއިން އެންމެ ޕަސެންޓެއް ނަމަވެސް ކަރަންޓު ޚަރަދު ކުޑަކޮށްގެން ސޭވް ކުރެވުމަކީ ޚަރަދުތަކަށް ވަރަށް ބޮޑު ލުޔެއް އަންނާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދިރާގުން މިހާރު ވެސް ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނިން ގާއިމްކޮށްފައިވާ އިމާރާތްތަކުގައި ކަރަންޓު ޚަރަދު ކުޑަކުރުމުގެ ގޮތުން ސޯލާ ޕެނަލް ބޭނުން ކުރަމުންނެވެ.