09 Nov 2014, 11:12
ނ. އަތޮޅު ފުޓުބޯޅަ މުބާރާތުގައި މަނަދޫ ޒުވާނުންގެ ގުޅުމާއި ކުޑަފަރީ ޔޫތު މޫވްމެންޓު ބައްދަލު ކުރި މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި ނ. ހޮޅުދޫ ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ދެ ޓީމުންވެސް ވާދަވެރި ކުޅުމެއް ދައްކާފައިވާއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޑަފަރީ ޓީމުގެ ޖާޒީ ނަމްބަރު 13 ކުޅުންތެރިޔާ މުހައްމަދު އަޝްރަހު ޔޫސުފް އެވެ.
މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ހޮޅުދޫ ބޭސް ޓީމާއި ވެލިދޫ ކްލަބު އެމުނި އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ގްރޫޕް 'އޭ'ގައި ހިމެނެނީ ވެލިދޫ ކްލަބު އެމުނި އާއި މިލަދޫ ނިއުޓްރަލް ޔޫތު ކޮމިއުނިޓީ އަދި ހޮޅުދޫ ބޭސް އެވެ. އަދި ގްރޫޕް 'ބީ'ގައި ހިމެނެނީ މަނަދޫ ޒުވާނުންގެ ގުޅުމާއި ކުޑަފަރީ ޔޫތު މޫވްމެންޓް އަދި ޅޮހީ ޒުވާނުންގެ ކްލަބް އެވެ.
އިއްޔެ ފެށި މި މުބާރާތުގެ ސެމީއަށް ދަތުރު ކުރާނީ ދެ ގްރޫޕްގެ ވެސް އެންމެ މޮޅު ދެ ޓީމެވެ. މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ގައެވެ.