09 Nov 2014, 10:25
ކ. މާފުށީ ޖަލުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ޖަލު ވަށައިގެން އިމާރާތް ކުރާ 20 ފޫޓު ފާރުގެ މަސައްކަތަށް ބޭނުންވާ ސާމާނު ދިނުމުގެ އެއްބަސްވުމެއްގައި އެސްޓީއޯ އާއި ކަރެކްޝަނަލް ސާވިސްއާ ދެމެދު ސޮއިކޮށްފި އެވެ.
އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ހަފްލާއެއްގައި އެސްޓީއޯގެ ފަރާތުން އެ އެއްބަސްވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ސޮއިކުރެއްވި އިރު ކަރެކްޝަނަލް ސާވިސްގެ ފަރާތުން ކަމިޝަނަރު އޮފް ޕްރިޒަން މުހައްމަދު ހުޝާމް އެވެ.
އެހަފްލާގައި ވާހަކަ ދައްކަވަމުން ހުޝާމް ވިދާޅުވީ މިއަދު ދެ ފަރާތުންވި އެއްބަސްވުމުގެ ދަށުން އެސްޓީއޯ އިން ފޯރުކޮށްދޭނީ އެފާރު ރޭނުމަށް ބޭނުންވާ ކޮންސްޓްރަކްޝަން މެޓީރިއަލް ކަމަށާއި އެތަކެތީގެ އަގަށް 4.2 މިލިއަން ރުފިޔާ އަރާ ކަމަށެވެ. އަދި މުޅި ފާރަށް ހަތް މިލިއަން ރުފިޔާ ހަރަދުވާ އިރު ފައިސާގެ ކަންކަން ހުރީ ހަމަޖެހިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ މި ޕްރޮޖެކްޓް ސަރުކާރުގެ ތެރެއިން ހިންގަން، އެއްވެސް އައުޓު ސޯސްއެއް ބޭނުން ނުކޮށް،" ހުޝާމް ވިދާޅުވި އެވެ.
އެ ފާރުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާލުމަށް ނިންމާފައިވާ އިރު އެ ފާރު ރޭނުމުގެ މަސައްކަތް ކުރަނީ ގައިދީންނެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ އާޒިމް ވިދާޅުވީ އެ މަސައްކަތަށް އެސްޓީއޯގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.
ސަރުކާރުގެ ބަޖެޓުން ހަރަދު ކޮށްގެން ރާނާ 20 ފޫޓު އުސް ފާރުގެ ދިގުމިނަކީ 1.4 ކިލޯ މީޓަރެވެ.