09 Nov 2014, 10:05
ދިރާގު ދިވެހި ލީގްގެ މެޗުތަކުގެ ތެރޭން ރޭ ކުޅުނު މެޗުގައި މަހިބަދޫ ސްޕޯޓްސް ކްލަބްގެ މައްޗަށް 1-0ގެ ނަތީޖާއަކުން ކުރި ހޯދި ވެލެންސިޔާ ލީގުގެ ފަސްވަނަ މަގާމް ކާމިޔާބުކޮށްފި އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ފެށިތާ ހަތަރު މިނެޓު ތެރޭ ވެލެންސިޔާ އިން ވަނީ އެ ޓީމްގެ ފުރަތަމަ ހަމަލާ އުފައްދާފަ އެވެ. މެޗުގެ ފެށުން ވެލެންސިޔާ އިން ރަނގަޅުކޮށްފައިވާ އިރު، މި ހާފްގައި ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީ ވެސް އެ ޓީމުންނެވެ.
ރޭގެ މެޗުން ފެނުނު ހަމައެކަނި ލަނޑު ވެލެންސިޔާ އިން ކާމިޔާބުކޮށްފައިވާ އިރު، މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައި ވަނީ އެޓީމްގެ އަބްދުއްރަޝީދު މާހިރު އެވެ. ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބޯޅައިން މި ލަނޑު ވެލެންސިޔާ އަށް އޭނާ ކާމިޔާބު ކޮށްދީފައި ވަނީ މެޗުގެ 35 ވަނަ މިނެޓުގަ އެވެ.
މެޗުގެ ދެވަނަ ހާފްގައި ދެ ޓީމުން ވެސް ރަނގަޅު ކުޅުމެއް ދައްކާފައިވާ އިރު، މި ހާފްގައި ވެސް ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައި ވަނީ ވެލެންސިޔާގެ ފަރާތުންނެެވެ.
ދެވަނަ ހާފްގެ އިތުރު ވަގުތު ތެރޭ ވެލެނަސިޔާގެ އަލީ ނަވާއު ވަނީ މަހިބަދޫ ގޯލްގެ ދާގަނޑުގައި އަނެއްކާ ވެސް ބޯޅަ ޖައްސާފަ އެވެ. ނަމަވެސް މި ލަނޑު އެނާ ކާމިޔާބު ކޮށްފައި ވަނީ އޮފްސައިޑްގަ ހުރެ ރެފްރީގެ ކަށިގަނޑު ފުމެފައި ވަނިކޮށް ކަމަށް ވުމުން، އޭނާ އަށް ވަނީ ރިނދޫ ކާޑެއް ދައްކާފަ އެވެ. އެހެންކަމުން މެޗު ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗަކީ މިއަހަރުގެ ލީގުގައި މި ދެ ޓީމުން ވެސް ކުޅެން ހަމަޖެހިފައިވާ އެންމެ ފަހު މެޗެވެ. ތާވަލްގައި މަހިބަދޫ އާ ޕޮއިންޓްގެ ގޮތުން ހަމަހަމައިގާ އޮތް ވެލެންސިޔާއަށް ރޭގެ ކާމިޔާބީއާ އެކު ވަނީ މުބާރާތުގައި މުޅިއަކު 17 ޕޮއިންޓް ލިބި، ތާވަލްގެ ފަސްވަނަ މަގާމް ކަށަވަރު ކުރި އެވެ. މި ނަތީޖާއާ އެކު މަހިބަދޫ ވަނީ މުޅިއަކު 14 ޕޮއިންޓް ލިބި، ތާވަލްގެ ހަވަނަ މަގާމުގަ އެވެ.
މިއަހަރުގެ މުބާރާތުގައި ކުޅެން ހަމަޖެހިފައިވާ އެންމެ ފަހު ދެ މެޗް ކުޅެން ހަމަޖެހިފައި ވަނީ މިއަދު އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި އީގަލްސް އާއި ވިކްޓްރީ ބައްދަލު ކުރާއިރު، ރޭގަނޑު ކުޅޭ މެޗުގައި ބައްދަލު ކުރަނީ ލީގް ޗެންޕިއަން ނިއުރޭޑިއެންޓް އާއި މާޒިޔާ އެވެ.