09 Nov 2014, 10:01
ބެއިޖިންގް (ނޮވެމްބަރު 9) : ގައުމުތަކުގެ މަސްއޫލުވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުން، ނާޒާއިޒު ގޮތުގައި ފައިސާ ހޯދުމަށް ފަހު އަމިއްލަ ގައުމުން ފިލައިގެން އެހެން ގައުމުތަކަށް ގޮސް ދިރިއުޅުމާއި އެގައުމުތަކުގައި އެފައިސާ ބޭނުންކުރުން ހުއްޓުވުން ފަދަ ކޮރަޕްޝަނުގެ އަމަލުތަކާ ދެކޮޅު ނެޓްވާކެއް ބިނާކުރުމަށް "އޭޕެކް"ގެ ގައުމުތަކުން ނިންމައިފި އެވެ.
އޭޝިޔާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް)ގައި ހިމެނޭ އޭޝިޔާއާއި ޕެސިފިކްގެ 21 ގައުމުގެ ޚާރިޖީ ވަޒީރުން ބެއިޖިންގައި ކުރެއްވި ދެދުވަހުގެ މަޝްވަރާތަކަށް ފަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި ނެޓްވާކުގެ ބޭނުމަކީ އޭޝިޔާ ޕެސިފިކް ސަރަހައްދުގައި ކޮރަޕްޝަން ހުއްޓުވުމަށް ބޭނުންވާ މަޢްލޫމާތު އެސަރަހައްދުގެ ގައުމުތަކުގެ މެދުގައި ބަދަލުކުރުން ކަމުގަ އެވެ. މިމައްސަލަ ހުށަހަޅުއްވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ލީ ވިދާޅުވީ ގައުމުތަކުގެ މަސްއޫލުވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުން، ނާޒާއިޒުގޮތުގައި ފައިސާ ހޯދުމަށް ފަހު އަމިއްލަ ގައުމުން ފިލައިގެން ގޮސް އެހެން ގައުމުތަކުގައި އެ ފައިސާ ބޭނުންކުރުން އާންމު ވެފައިވާ ކަމަށާ މިކަން ހުއްޓުވަން ޖެހޭ ކަމުގަ އެވެ.
ޗައިނާގެ މިހުށަހެޅުމަށް އެމެރިކާ އާއި އެހެން ގައުމުތަކުން ވަނީ ވަރަށް ބޮޑުތަރްޙީބެއް ދީފަ އެވެ. އޭޕެކްގެ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވީ މިނެޓްވާކަކީ ކޮރަޕްޝަން ހުއްޓުވުމަށް ޓަކައި އޭޕެކްގެ ގައުމުތަކުން ކުރިޔަށްއަޅާ މުހިއްމު ފިޔަވަޅެއް ކަމުގަ އެވެ. މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އޭޕެކްގެ ގައުމުތަކުގެ އެހެން ޚާރިޖީ ވަޒީރުން ވެސް ވަނީ ކޮރަޕްޝަނާ ދެކޮޅަށް އުފައްދާ މިނެޓްވާކަށް މަރްޙަބާ ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
ބެއިޖިންގެ ބައްދަލުވުމަށް ފަހު އޭޕެކްގެ ޚާރިޖީ ވަޒީރުން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ވަނީ ކޮރަޕްޝަނަކީ އަނިޔާއެއް ކަމަށާ އަދި އެއީ ގައުމުތަކުގެ އިގްތިސާދު މުޅިން ހަލާކުކޮށްލާ ކަމެއް ކަމަށް ސިފަކޮށްފައިވެ އެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަކީ ގައުމުތަކުގެ ރައްޔިތުންގެ އިތުބާރު އެގައުމުތަކުގެ މަސްއޫލުވެރިންނަށް ލިބޭނެ ކަމެއްކަމަށް ވެސް ގުޅިފައިވާ ބަޔާން ބުނެ އެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އޭޕެކްގެ ގައުމުތަކުން ބިނާކުރާ ނެޓްވާކުގެ ބޭނުންތަކުގެ ތެރޭގައި ކޮރަޕްޝަންގެ ގޮތުގައި ބައެއް ފަރާތްތަކުން ޖަމާކުރާ ފައިސާ އެނެޓްވާކު ބޭނުންކޮށްގެން ހޯދުމާއި އެކަމުގައި ޝާމިލްވާ މަސްއޫލުވެރިން އޭޕެކްގެ އެއްގައުމުން އަނެއް ގައުމަށް ކުރާ ދަތުރުތައް ހުއްޓުވުމާއި އެފަދަ ފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށް ޙާޒިރު ކުރުމުގައި އޭޕެކްގެ ގައުމުތަކުގެ އެއްބާރުލުން ދިނުން ހިމެނެ އެވެ.
އޭޕެކްގެ ގައުމުތަކުގެ ތެރެއިން ކޮރަޕްޝަނާ ދެކޮޅަށް އެންމެ ވަރުގަދައަށް ހަނގުރާމަ އިއްލާންކޮށްފައި ވަނީ ޗައިނާ އެވެ. ޗައިނާގެ ރައީސް ޝީޖިންޕިން ވަނީ މި އަހަރުގެ ޖަނަވަރީމަހު ވެރިކަމާ ހަވާލުވެ ވަޑައިގަތުމާއެކު ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ ކޭންޕޭނެއް ފައްޓަވާފަ އެވެ. މިކޭންޕޭންގެ ސަބަބުން މިއަހަރު ތެރޭގައި ޗައިނާ ސަރުކާރުގެ 13،000 އަށްވު ގިނަ މަސްއޫލުވެރިންގެ ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ބޭޒާރު އެބޭފުޅުން އިންސާފުގެ ކުރިމައްޗަށް ޙާޒިރުވާން ޖެހިފައިވެ އެވެ.
އޭޕެކްގެ ވަޒީރުންގެ މިނިންމުން އަންނަ ހަފްތާގައި ބޭއިޖިންގްގައި ބާއްވާ އެޖަމާއަތުގެ އިސްވެރިންގެ ސަމިޓަށް ހުށަހަޅައި އެސަމިޓުން މިނިންމުން ތަސްދީގު ކުރާގޮތަށްވަނީ ހަމަޖެހިފަ އެވެ. (ރޮއިޓާސް)