ހއ. ބެރިންމަދުއަށް އުފަން މުހައްމަދު ނަސީރު އަބްދުﷲ، 2006 ވަނަ އަހަރު އޭނާ އުފަން ރަށުގެ ހުރިހާ ރައްޔިތުންނާ އެކު ހއ. ހޯރަފުއްޓަށް ބަދަލުވި އިރު އޭނާގެ އުމުރަކީ 27 އަހަރެވެ. އޭނާގެ ހަޔާތުގައި އޭރު ވޭތުކުރި 27 އަހަރަކީ "ވޭނާއި ހިތާމައިން" ފުރިފައިވާ ދުވަސްތަކެއްކަން މުހައްމަދުގެ ވާހަކައިން އެނގެ އެވެ.

"ރަށުގައި އޭރު ހުރި ސްކޫލުން ކިޔަވައިދެނީ ގްރޭޑް ފަހަކަށް. ދެން ޖެހެނީ ދަރިންނަށް ކިޔަވައިދޭން ރަށްރަށަށް ފޮނުވަން، ސިއްހީ މަރުކަޒެއް ނުހުރޭ. ހުންނަނީ އޮފީހުގައި މަސައްކަތް ކުރާ ފޫޅުމަޔަކާއި އާއިލާ އެހީތެރިއެއް. ސިއްހީ ހާލަތާއި އުމުރާނީ ތަރައްގީ ވަރަށް ދަށްކޮށް ހުރީ،" މުހައްމަދު ބުންޏެވެ.

ދެހާސް ހަވަަނަ އަހަރު ހޯރަފުއްޓަށް ބެރިންމަދޫ ރައްޔިތުން ބަދަލުކުރި އިރު އޭރު ބެރިންމަދޫގެ އާބާދީއަކީ 167 މީހުންނެވެ. އެހެން ކަމުން އެރަށުގައި އުމްރާނީ ގިނަ ވަސީލަތްތަކެއް ގާއިމް ކުރެވިފައެއް ނުވެ އެވެ. ދުނިޔެއާއި ރާއްޖެ އަށް ތައާރަފްވެގެން ދިޔަ ތަރައްގީ އަށް ބެރިންމަދޫގެ ރައްޔިތުން އޭރު ވަރަށް ބީރައްޓެއްސެވެ. ދަތުރު ފަތުރާއި އެހެނިހެން ވަސީލަތްތަކަށް ވަރަށް ދުރެވެ.

"އޭރު މީހަކު ބަލިވުމުން ވެސް އަޅުގަނޑުމެން ކަން ކުރަންޖެހޭގޮތަކީ، ރިޔަލުގައި ނޫނީ ފަލީގައި ހޯރަފުއްޓަށް ނަމަވެސް ރަށަކަށް އައިސް އިންޖީނު ދޯންޏެއް ހޯދައިގެން ފަރުވާ ހޯދަށް ދިއްދުއަށް ނޫނީ އެނޫން ވެސް ތާކަށް ދިޔުން. ކިތަންމެ ދަންވަރު ވިޔަސް އުޅެންޖެހެނީ އެހާލެއްގައި،" ބެރިންމަދުއަށް އުފަން އަދި މިހާރު ހޯރަފުށީގައި ދިރިއުޅޭ މީހަކު ބުންޏެވެ.

ހޯރަފުއްޓަށް ބަދަލުވުމަށް ސަރުކާރުން ހުށައެޅުމުން ބެރިންމަދޫ ގިނަ މީހުން އޭރު ދެކޮޅުހެދި އެވެ. ކާބަފައިންގެ ފަސްގަނޑު ދޫނުކުރާނަމޭ، ރުއްގަސް ދޫނުކުރާނަމޭ ކިޔައި އެރަށުގައި ތިބެން އެންމެ ގަދަޔަށް އަޑުހަރުކޮށް ވާހަކަދެއްކީ ދުވަސްވީ މީހުންނެވެ. ނަމަވެސް މިއަދު އެމީހުންގެ ވިސްނުން ވަނީ ބަދަލުވެފަ އެވެ. ހޯރަފުއްޓަށް ބަދަލުވެވުމުން އުފާކުރާކަން އެމީހުންނާ ވާހަކަ ދައްކާލުމުން އެނގެ އެވެ.

"މިހާރު ވަރަށް އުފާވެރި ދިރިއުޅުން. އަސާސީ ހިދުމަތްތައް އެބަލިބޭ. ވަރަށް ވެސް ފަސޭހަ މިހާރު އެންމެން ވެސް ގަބޫލު ކުރޭ ނަސީބެއް ކަމަށް ބަދަލުވެވުމަކީ،" އަދުގެ ތަޖުރިބާ ހިއްސާކުރަމުން މުހައްމަދު ބުންޏެވެ.

މިދާކަށް ދުވަހު ހއ. ހޯރަފުއްޓަށް ކުރި ދަތުރުގައި އެ ރަށުގައި މިހާރު ދިރިއުޅޭ ބެރިންމަދޫ މީހުންނާ ބައްދަލުވި އެވެ. މިއަދު އެއީ ހޯރަފުށީ ރައްޔިތުންނެވެ. އުފަން ރަށް ނޫން ނަމަވެސް އެމީހުންގެ ހިތްތައް މިއަދު ގުޅިފައި ވަނީ ހޯރަފުއްޓާ އެވެ. ރަށު ފެންވަރުގައި ކުރާ ކަންކަމުގައި އިސްނަގައިގެން އުޅޭ އުޅުމަށް ބަލާއިރު ވެސް އުފަން ރަށް ނޫން ކަމުގެ އިހުސާސް ނުކުރެވޭ ފަދަ އެވެ. ހޯރަފުށީގެ މިސްކިތްތަކުގެ އިމާމުން ފެށިގެންގޮސް ކައުންސިލް އިދާރާގެ މަގާމުތަކުގައި މިއަދު ބެރިންމަދު އަށް އުފަން ރައްޔިތުން ދަނީ ހަރަކާތްތެރި ވަމުންނެވެ. މިއީ އެއްފަސް ކުރުމުގެ ވިސްނުމަށް ލިބޭ އުފާވެރި ހިތްވަރަކަށް ނޫނީ ނުވާނެ އެވެ.

ރާއްޖޭގެ 190 އަށް ވުރެ ގިނަ ރަށުގައި މީހުން ދިރިއުޅޭ އިރު މިއިން ކޮންމެ ރަށަކަށް އަސާސީ ހިދުމަތް ދިނުމަކީ ބޮޑު ގޮންޖެހުމެކެވެ. އެކަން އެނގޭ ސަބަބަކީ އަސާސީ ތައުލީމް ދިނުމަށް ގިނަ ރަށްރަށުގައި ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދޭ އިރު އޭގެން އެތައް ރަށެއްގެ މަތީ ގްރޭޑްތަކުގައި އެއް ދަރިވަރަކު ނުވަތަ ދެ ދަރިވަރަކު ކިޔަވަން ތިބުމެވެ. ކިޔަވަން އެއް ކުއްޖަކު ގްރޭޑެއްގައި ހުރި ނަމަވެސް ކޮންމެ މާއްދާއަކަށް ޓީޗަރަކު ބަހައްޓައިގެން ސަރުކާރުން ދަނީ ހަރަދުކުރަމުންނެވެ. ސިއްހީ ދާއިރާ ވެސް އޮތީ މިބުނާ ހާލަތުގަ އެވެ. ކުރެވޭ ހަރަދާއި ދެވޭ ހިދުމަތާއި ނުބައްދަލުވާ ސަބަބަކީ މިއީ އެވެ.

ދިވެހިރާއްޖެ އުފެދިފައިވާ ގޮތަށް ބަލާއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެންމެ ފުރިހަމަ ސިއްހީ ހިދުމަތާއި ތައުލީމީ ވަސީލަތްތަކާއި ވަޒީފާގެ ފުރުސަތު ގާއިމު ކުރުމަކީ ފަސޭހަ ރަހުމަތެއްގައި އަދި ކައިރި މުސްތަގުބަލެއްގައި ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން މިކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ކުދި އާބާދީތަކުގައި އުޅޭ ފަރާތްތަކުން ބޮޑު ގުރުބާނީއެއް ވުމެވެ. އެއީ ހިތާއި ދެކޮޅަށް ނަމަވެސް ކެތް ކޮށްލާފައި އެއްފަސް ވުމަށް އެއްބާރުލުން ދިނުމެވެ.

ކުދިކުދި އެތައް ރަށެއްގައި މަދު އާބާދީތައް ދުރުދުރުގައި ދިރިއުޅުމުގެ ބަދަލުގައި އާބާދީ އާއި ތަރައްގީ އެއްފަސް ކުރުމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ތަރައްގީ ލިބެން މަގުފަހިވާނެ ކަމެއްކަން ޔަގީނެވެ. މިއީ ހިދުމަތް ދިނުމަށް ދައުލަތުން ކުރަން ޖެހޭ ހޭދަ ކުޑަކުރެވި އެކަށީގެންވާ ހިދުމަތެއް ދެވޭނެ ގޮތެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވި ގޮތުގައި ދައުލަތުގެ ހަރަދު ކުޑަކުރުމަށް "ވީހާ ވެސް އަވަހަކަށް" އާބަދީ އާއި ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތެއް އެކަށައަޅައި އެކަމަށް އަމަލީ ސިފަ ގެންނަން ޖެހެ އެވެ. އެ މަސައްކަތަކީ އުނދަގޫ ކަމަކަށް ވިޔަސް އެއީ ކޮންމެހެން ކުރަން މުހިއްމު ކަމެއް ކަމަށާއި އާބާދީ އެއްފަސް ކުރުމަށް މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށް ޖިހާދު ވިދާޅުވި އެވެ.

"އަވަސް ފުރުސަތެއްގައި އާބާދީ އާއި ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތެއް އެކަށައަޅައި އެއަށް އަމަލީ ސިފައެއް ގެނައުން މުހިއްމު. މިކަމުގައި ތިޔަ އިއްޒަތްތެރި މަޖިލީހުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުން ވާނެ ކަމަށް އަޅުގަނޑު ދެކެން،" ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ އިގްތިސާދީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

އެއްފަސް ކުރުމުގެ ވާހަކަ ދެކެވޭ އިރު އެކަމަކީ ވެސް ދުރާލައި ރޭވުންތަކެއް ރޭވިގެން ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭ ކަމަކަށް ވާންޖެހެ އެވެ. އެގޮތުން އާބާދީ ބޮޑު އެއް ރަށަށް މީހުން ބަދަލު ކުރުމުގެ ވިސްނުން މުޅިން ނުގެންގުޅު ކުދި އާބާދީތައް ބިން ބޮޑު ކުދި އާބާދީއެއްގެ ރަށަކަށް ބަދަލުކޮށްގެން ކުރިއަށް ގެންދިއުން މުހިންމުކަން ފެނެ އެވެ. އެގޮތުން ހއ. އަތޮޅަށް ބަލާ ނަމަ ހަމައެކަނި ދިއްދު އާއި ހޯރަފުއްޓަށް މީހުން ބަދަލުކުރުމުގެ ވިސްނުން އެކަނި ނުގެންގުޅެ މޮޅަދޫ ފަދަ ބިންބޮޑު ރަށްރަށަށް ކުދި އާބާދީއެއްގެ ދެ ތިން ރަށުގެ މީހުން ބަދަލުކޮށް އެ ކުދި އާބާދީތައް ތަރައްގީ ކުރުން މުހިންމުކަމަށް ފެނެ އެވެ. ހަމައެހެންމެ އެކަން ކުރުމުގައި އިޖްތިމާއީ މައްސަލަތައް ފެންމަތި ނުވާނެ ގޮތެއްގެ މަތިން ހަރުދަނާ ރޭވުންތަކެއް ރޭވެން ޖެހެ އެވެ. ތަފާތު ކުރުމެއް ނެތި ރައްޔިތުންގެ މެދުގައި ހަމަހަމަވެސް ވާން ޖެހޭނެ އެވެ. އުފަން ރަށް ދޫކޮށް އެހެން ރަށަކަށް ބަދަލުވުމުގެ ގުރުބާންވާއިރު ބަދަލުކުރާ ރަށެއްގައި އެ ރަށުން ބޭރަށް ނުގޮސް މަތީ ތައުލީމު ހާސިލު ކުރެވޭނެ ފުރުސަތާއި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބުމާއެކު އާއިލާއެކު އުޅެމުން ވަޒީފާ އަދާކުރުމުގެ ފުރުސަތު އޮންނަން ވާނެ އެވެ.

ތޮއްޖެހުމާއި އެއްފަސްވުމާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލެ ތޮއްޖެހުން ހައްލުކުރަން ދެތިން ގޮތެއް އޮންނާނެ ކަމަށާއި އޭގެ ތެރެއިން އެއްގޮތަކީ ހުޅުމާލެ ތަރައްގީކޮށް މާލެއިން ހުޅުމާލެއަށް މީހުން ބަދަލުކުރުން ކަމަށެވެ. އޭގެ އަނެއް ގޮތަކީ މާލެއަށް އިތުރަށް މީހުން އައުން މަދުކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށާއި އެއީ ރާއްޖޭގެ އުތުރާއި ދެކުނު ތަރައްގީ ކުރުން ކަމަށެވެ.

"އަޅުގަނޑުމެން އިސްކަން ދޭނަން ދެކުނާއި އުތުރުގައި އާބަން ސެންޓާއެއް ގާއިމްކުރުމަށް. އަދި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ފޯކަސް އައިލެންޑްތަކެއް ތަރައްގީކުރުން. މިއީ ވަރަށް އުނދަގޫ އަދި ވަރަށް ގިނައިން ދެކެވިފައިވާ ވާހަކަތަކެއް. ހަގީގަތުގައި މިކަން ކުރެވޭނީ ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުން ލިބިގެން." މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

ހއ. އަތޮޅަށް މިކުރެވުނު ދަތުރުގައި ދިމާވި ބެރިންމަދޫ މީހުންނަކީ ހަގީގަތުގައި ވެސް ގައުމު ނަމޫނާއަކަށް ބަލަން ޖެހޭ ބައެކެވެ. އެމީހުން ހޯރަފުށީގައި އަސާސީ ބޭނުންތައް ފުއްދައިގެން ކުރިން އުޅުނު ހާލުން ސަލާމަތްވެ ހިތްހަމަޖެހުމުގެ ނޭވާއެއްލައިގެން އުޅޭ އުޅުމަކީ ކުދި އާބާދީތަކަށް ނަމޫނާއެކެވެ. އެެހެން ކަމުން އެއްފަސް ވުމަށް އަވަސްވާން ވެއްޖެ އެވެ. ކުޑަކުޑަ އެންމެ 167 މީހުންގެ އާބާދީއެއް ކަމަށްވާ ބެރިންމަދޫއިން ދެއްކި ނަމޫނާ ބަލައިގަނެ އެކަން އިބުރަތަކަށް ހަދަން ޖެހެ އެވެ.