ބާލިން (ނޮވެމްބަރު 9): ދުނިޔެ ވަނީ އަނެއްކާ ވެސް ފިނި ހަނގުރާމައެއްގެ ތުންފަތްމަތީގައި ކަމަށް ކުރީގެ ސޮވިއެޓް ޔުނިޔަންގެ އެންމެ ފަހުގެ ރައީސް މިޚައިލް ގޯބަޗޯވް ވިދާޅުވެއްޖެ އެވެ.

ކުރީގެ އިރުމަތީ ޖަރުމަނާއި ހުޅަނގު ޖަރުމަނު ބައިކޮށްފައިވާ މަޝްހޫރު ބާލިން ފާރު ވެއްޓުނުތާ 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބާރލިންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ގޯބަޗޯވް ވިދާޅުވީ ހުޅަނގާއި ރަޝިޔާއާ ދެމެދުގައިވާ މައްސަލަ ވާހަކަ ދައްކައިގެން ޙައްލު ކުރުމަށް ހުޅަނގުން މަސައްކަތް ކުރަންޖެހޭ ކަމުގަ އެވެ. އަދި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ހުޅަނގަށް ޙާސިލްކުރެވޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް އިޝާރާތް ކުރައްވަމުން ހުޅަނގާއި ރަޝިޔާ ދެމެދުގައިވާ މައްސަލަތައް ޙައްލުކޮށް ދެފަރާތުގެ ދެމެދުގައި އިތުބާރު ގާއިމް ނުކުރެވިއްޖެ ނަމަ އަނެއްކާ ވެސް ފިނި ހަނގުރާމައަކަށް ހިނގައިދާނެކަމުގެ އިންޒާރު ގޯބަޗޯވް ދެއްވި އެވެ.

ޔޫރަޕާއި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކަށް ބައްލަވާލައްވަމުން ގޯބަޗޯވް ވިދާޅުވީ ބޮޑެތި ބާރުތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތަކާއި ބޮޑެތި ބާރުތަކުގެ މަސްލަހަތުތަކަކީ މި ލޭއޮހޮރުވުންތަކުގެ މައިގަނޑު ސަބަބު ކަމުގަ އެވެ. ފަހުގެ ތާރީޚުތަކަށް ބަލާއިރު ދުނިޔޭގައި ބޮޑެތި އަދި ދިގުލީ ހަނގުރާމަތައް ހިނގާފައިވަނީ ބޮޑެތި ބާރުތަކުގެ މެދުގައިވާ ދެބަސްވުންތަކާއި ޚިލާފްތަކާގުޅިގެން ކަމަށާއި މިކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށްވެސް ގޯރަބަޗޯވް ވިދާޅުވި އެވެ.
ހުޅަނގަށް ފާޑުވިދާޅުވަމުން އުމުރުން 83 އަހަރުގެ ގޯބަޗޯވް ވިދާޅުވީ ބާލިންގެ ފާރުވެއްޓުމާއި ދެޖަރުމަނު އަލުން އިއްތިޙާދުވުމާއި ފިނި ހަނގުރާމަ ނިމުމާއި ކުރީގެ ސޮވިއެޓްޔުނިޔަން ރޫޅިގެން ދިޔުމަކީ ހުޅަނގަށް ލިބުނު އާދަޔާ ޚިލާފު ނަސްރެއްކަމަށް ބަލައި އެމެރިކާ އާއި ޔޫރަޕްގެ ބާރުތައް ބޮޑާވެގެންފައިވާ ކަމުގަ އެވެ. ސޮވިއެޓް ޔުނިޔަން ރޫޅިގެންދިޔުމާ އެކު އެމެރިކާއާއި ހުޅަނގުގެ ބާރުތަކަށް ލިބުނު ފުރްސަތުގައި ބޮޑާވެ އެކަމުގެ ނާޖާއިޒު ފައިދަނަގައިގެން ދުނިޔެގޭ ކަންކޮޅުތަކަށް އަތްގަދަކުރުމަށް ފާއިތުވި ވިއްސަކަށް އަހަރުތެރޭގައި ހުޅަނގުން ކުރި މަސައްކަތްތަކުގެ ނަތީޖާއަކީ ފިނި ހަނގުރާމައިން ދުނިޔެއަށް ލިބެން ޖެހޭ ހަގީގީ ހަމަޖެހުމާއި ސުލްޙައާއި އަމާންކަން ގެއްލިގެން ދިޔުންކަމަށާއި މިކަމުގެ ޒިންމާ ހުޅަނގުން ނަގަންޖެހޭ ކަމަށް ވެސް ގޯބަޗޯވް ވިދާޅުވި އެވެ.

ކުރީގެ ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔައީ ގޯބަޗޯވްގެ ވެރިކަމުގައި އޭނާ ގެންގުޅުއްވި ފިނިހަނގުރާމަ ނިމުމަކަށް ގެނައުމާއި ކޮމިއުނިޒަމާ ދުރަށް ދިޔުމާއި ހުޅަނގާ ގާތްވުމުގެ ސިޔާސަތުތަކުގެ އިތުރުން ސޮވިއެޓް ޔުނިޔަން ދުނިޔެއަށް ހުޅުވާލުމާއި ފަރުދީ މިނިވަންކަމާއި ޑިމޮކްރަސީއާއި ލެބަރަލިޒަމްގެ އުސޫލުތަކުގެ ސަބަބުންނެވެ. 1985ގައި ސޮވިއެޓް ޔުނިޔަންގެ ރައީސް ކަމާޙަވާލުވެ ވަޑައިގެންނެވި ގޯބަޗޯވްގެ މިސިޔާސަތުތަކާ ގުޅިގެން 1989 ން ފެށިގެން ވަނީ 15 ދައުލަތުގެ މައްޗަށް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު ބާރުކަމަށްވާ ސޮވިއެޓް ޔުނިޔަން ރޫޅެން ފަށާފަ އެވެ.

ނަމަވެސް ސޮވިއެޓް ޔުނިޔަންގައި ހިމެނޭ އެންމެ ބޮޑު ދައުލަތް ކަމަށްވާ މިހާރުގެ ރަޝިޔާ މިނިވަންކަން އިޢްލާން ކުރުމާ އެކު ސޮވިއެޓް ޔުނިޔަން މުޅިން ރޫޅި ގޯބަޗޯވް އަށް މަގާމު ގެއްލިވަޑައި ގަތީ 1991 ވަނަ އަހަރުގެ ޑިސެމްބަރު 26 ގަ އެވެ. (ނޫސްއެޖެންސީތައް)