ވެލިދޫ އައިލެންޑް ރިސޯޓުގެ މާލޭ އޮފީހުގެ މެނޭޖިންގް ޑިރެކްޓަރު އަބްދުލް އަޒީޒް މޫސާގެ އަތުން ޑޮލަރުތަކެއް ފޭރުނު މީހަކު 17 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު އެ ހުކުމް ކޮށްފައި ވަނީ ލ. ގަން، ދިއްގަލި، ހަސަން ނަދީމްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ކުރި ހުކުމްގައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:05 އެހައިކަންހާއިރު އަބްދުލްއަޒީޒް ސައިކަލްގައި ބޮޑުތަކުރުފާނުމަގު ހ. ތުނިޔަ ބިލްޑިންގް ކައިރިން ދަނިކޮށް އެހެންމީހެއްގެ ސައިކަލްގެ ފަހަތުގައި އިނދެގެން ނަދީމް އޭނާގެ ސައިކަލްގެ ވަށިގަނޑުގެ ތެރޭގައި ކޮތަޅަކަށްލާފައި އޮތް ޑޮލަރުތަކެއް ވަގަށް ނަގާފައިވާކަން ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އޭނާ ވަގަށް ނަގާފައި ވަނީ 12،905 ޑޮލަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

މިއީ ފޭރުމުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.