09 Nov 2014, 00:01
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު މިރޭ ރާއްޖެ ވަޑައިގަތުމާ އެކު އޭނާގެ ޕާސްޕޯޓް އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.
ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ނާޒިމްގެ ޕާސްޕޯޓްް ހިފެހެއްޓުމުގެ ހުއްދަކަށް އެދުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ހުއްދަ މިދިޔަ މަހުގެ 22 ވަނަ ދުވަހު ދީފަ އެވެ. ނަމަވެސް އެރޭ އޭނާ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފައި ވާތީ ވަނީ ޕާސްޕޯޓް ނުހިފެހެއްޓިފަ އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އިމިގްރޭޝަންގެ އޮފިޝަލުން ވަނީ ނާޒިމު މިރޭ ރާއްޖެ ވަޑައިގަތުމާ އެކު ޕާސްޕޯޓް ހިފަހައްޓައިފަ އެވެ. އަދި ކޯޓް އަމުރެއް އޮތުމާ އެކު ޕާސްޕޯޓް ހިފެހެއްޓި ކަމުގެ ލިޔުމެއް ވެސް ވަނީ އިމިގްރޭޝަންގެ އޮފިޝަލުން ނާޒިމަށްދީފަ އެވެ.
ނަމަވެސް އިމިގްރޭޝަނުން ރަސްމީކޮށް އެކަން އަދި ކަށަވަރެއް ނުކޮށްދެ އެވެ.
ނާޒިމްގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލައިގެ ތަފްސީލެއް ފުލުހުން މީޑިއާއަކަށް ހާމައެއް ނުކުރެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ކުރިން ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތު ކުރާ ޖިނާއީ ކުށުގެ ތަހުގީގު ކުރިއަށްދާ ކަމަށާއި ތަފްސީލު ހާމަކުރެވެން ނެތް ކަމަށެވެ.