މިހާރު ކުރިއަށްދާ އެކްސެލް ކްރިކެޓް މުބާރާތުގެ މިއަދު ކުޅުނު މެޗުގައި 57 ލަނޑުގެ ތަފާތަކުން ސްރީލަންކަން ހައި ކޮމިޝަންގެ މައްޗަށް ކުރި ހޯދައި، ޔޫތު ޑިވަލޮޕްމަންޓް ޓީމުން މެޗު ކާމިޔާބު ކޮށްފި އެވެ.

މިމެޗުގެ ޓޮސް ލިބުނު ސްރީލަންކާ ހައި ކޮމިޝަން ޓީމުން ނިންމީ ހޮވާށެވެ. ޔޫތު ޑިވަލޮޕްމަންޓް މުން ކުޅެން އަރައި 15 ލަޑު ކާމިޔާބު ކުރެވުނުއިރު ތިން ވިކެޓް ގެއްލިފައި ވެއެވެ. މެޗުގެ ފެށުން ޔޫތު ޑިވަލޮޕްމަންޓް ޓީމަށް ރަނގަޅު ކުރެވިފައި ނުވިކަމުގައި ވިއަސް، އެ ޓީމުން ވަނީ ބެޓް ކުރި 42 އޯވަރުގެ ތެރޭގައި 173 ލަނޑު ކާމިޔާބު ކޮށްފައެވެ.

ޔޫތު ޑިވަލޮޕްމަންޓް ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ 59 ލަނޑު ހެދި އެ ޓީމްގެ ކެޕްޓަން މިހުސާން ހާމިދު އާއި 33 ލަނޑު ހެދި އެ ޓީމްގެ ނިލާންތަ ކޫރޭ އެވެ. ސްރީލަންކަން ހައި ކޮމިޝަން ޓީމުގެ ހަތަރު ކުޅުންތެރިން ކަމަށްވާ އިސާން، އަމީލް، ސާފީ އަދި މުއާވިއަތު ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނަގާފައެވެ.

ސްރީލަންކަން ހައި ކޮމިޝަން ޓީމުން ކުޅެން އާރައި 39.1 އޯވަރުގެ ތެރޭގައި އެ ޓީމަށް ކާމިޔާބު ކުރެވިފައި ވަނީ 116 ލަނޑެވެ. އެ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ 19 ލަނޑު ހެދި އެ ޓީމްގެ މުއާވިއަތު އާއި 17 ލަނޑު ހެދި މަލިންދާ އެވެ. ޔޫތު ޑިވެލޮޕްމަންޓް ޓީމުން އެންމެ ފާހަގަ ކޮށްލެވިފައިވާ ކުޅުންތެރިންނަކީ 12 ލަނޑަށް ދެ ވިކެޓް ނެގި އެ ޓީމްގެ އަޒިޔާން އާއި 25 ލަނޑަށް ހަތަރު ވިކެޓް ނެގި އެ ޓީމްގެ ނިލާންތާ އެވެ.

މި މުބާރާތުގައި މިހާތަނަށް ކުޅެވުން ދެމެޗުން ޔޫތު ޑިވަލޮޕްމަންޓް ޓީމާއި އިންޑިއަން ބްލޫސްއިން ކޮންމެ ޓީމަކުން ފަސް ޕޮއިން ހޯދާފައި ވާއިރު، މާލެ ސްޕޯޓްސް ކްލަބާއި ޝްރީލންކަން ހައި ކޮމިޝަނަށް އަދި ވަނީ ޕޮއިންޓެއް ލިބޭގޮތް ނުވެފައެވެ.

މި މުބާރާތުގައި ދެން ކުރިއަށް އޮތް މެޗުގައި ބައްދަލު ކުރާނީ އިންޑިއަން ބްލޫސް އާއި ޔޫތު ޓީމެވެ. މި މެޗް ކުޅެން ހަމަޖެހފައި ވަނީ މިމަހުގެ 14 ވާ ހުކުރުދުވަހު އެވެ.