ނިއުކާސްލްގެ މިޑްފީލްޑަރެއް ކަމަށްވާ ޖޯނަސް ގުޓިއަރޭޒް އަހަރު ދުވަސް ވަންދެން ޓެސްޓިކިއުލާ ކެންސަރާ ހަނގުރާމަ ކުރުމަށްފަހު، އަންނަ މަހުން ފެށިގެން އެ ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރި ވާނެކަމަށް އެ ޓީމުގެ ކޯޗް އެލަން ޕާޑިއު ހާމަކޮށްފި އެވެ.

އާޖެންޓީނާއަށް ނިސްބަތްވާ ގުޓިއަރޭޒްއަށް ކެންސަރު ޖެހިފައިވާކަން ފުރަތަމަ ހާމަކޮށްފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް މިދިޔަ އަހަރު އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗެއްގައިވެސް އޭނާއަށް ވަނީ މި ބަލީގެ އުނދަގޫތައް ކުރިމަތިވެފައެވެ. އެކަމާ ގުޅިގެން އެ އަހަރު އޭނާ ސާޖަރީއެއް ހަދާފައި ވާއިރު، ކީމޯތެރަޕީ ފައްޓާފައި ވަނީ 2013-2014 ގެ ސީޒަން ނިމުމަށްފަހުއެވެ.

މި އަހަރުގެ ކުރީކޮޅު ގުޓިއަރޭޒް އޭނާގެ ބަލީގެ ވާހަކަ މީޑިއާއާ ހިއްސާކޮށްފައި ނުވާއިރު، ސެޕްޓެމްބަރު މަހު އޭނާ ވަނީ މިކަމާ ގުޅޭގޮތުން އިންޓަވިއުއެއް ދީފައެވެ. ޚަބަރުތައް ލިބިފައިވާގޮތުގައި، ފަރުވާއަށް ފަހު އޭނާ ދޫކޮށްލާފައި ވަނީ މިމަހުގެ ތެރޭގައެވެ.

މިދިޔަ އަހަރުގެ ފަހު ކޮޅުން ފެށިގެން ނިއުކާސްލްއިން ފެނިފައި ނުވާ ގުޓިއަރޭޒް އެ ޓީމަށް އަނބުރާ އަންނަ ވާހަކަ އެ ޓީމްގެ ކޯޗް ހާމަ ކޮށްފައި ވަނީ އުފަލާ އެކީއެވެ.

"ގުޓިއަރޭޒް އަކީ އޭނާއާ ދޭތެރޭ ޓީމްގެ އެންމެންވެސް ވަރަށް ހިތްހަމަ ޖެހޭ ކުޅުންތެރިއެއް. އޭނާގެ ޑޮކްޓަރު ބުނެފައި ވާގޮތުގައި، ޕްރޮފެޝަނަލް ތަމްރީނުތަކުގައި މި އަންނަ މަހުން ފެށިގެން އޭނާއަށް ބައިވެރި ވެވޭނެ. ހަބަރުތައް ލިބިފައި ވާގޮތުގައި އޭނާ ހުރީ ރަނގަޅު ފޯމެއްގައި،" ނިއުކާސްލްގެ ކޯޗް އެލަން ބުންޏެވެ.

ޖޯނަސް ގުތިއަރޭޒް އަކީ 2008 ކުން ފެށިގެން ނިއުކާސްލްއަށް މުޅިއެކު 177 މެޗު ކުޅެދީފައިވާ ކުޅުންތެރިއެކެވެ. އަދި އޭގެ އިތުރުން އޭނާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށްވެސް ކުޅެދީފައެވެ.