ޓްރާންސް މޯލްޑިވިއަން އެއާވޭސްއިން އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ބޭއްވި ވޮލީބޯޅަ މުބާރާތް، ޓީމް ނޯއެކްސްކިއުޒް އިން ކާމިޔާބު ކޮށްފި އެވެ.

މުޅިއެކު 14 ޓީމުން ވާދަކުރި މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކޮށްފައި ވަނީ ޓީމް ނޯއެކްސްކިއުޒް އާއި އޮޕްސް ޓެކް އެވެ. ނޯއެކްސްކިއުޒް އިން މުބާރާތުގެ ތަށި އުފުލާލާފައި ވަނީ ފައިނަލް މެޗުގައި ކުޅުނު ފަސް ސެޓުގެ ތެރޭން ތިން ސެޓު ކާމިޔާބު ކޮށްގެނެވެ.

މި މުބާރާތުގައި މޭން އޮފަ ދަ ސީރީޒްއަށް ހޮވިފައި ވަނީ ޓީމް ނޯއެކްސްކިއުޒް ގެ ހުސައިން ހަންމާދު އެވެ. އަދި ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ އެ ޓީމުގެ މުހަންމަދު ޝާފީ އެވެ.

ފައިނަލް މެޗްގެ ޝަރަފްވެރި މެހެމާނަކީ ޓީއެމްއޭގެ ކޮންޓިނިއުއިންގް އެއާ ވޯދިނެސް މެނޭޖަރު އަހުމަދު ޝައުގީ އެވެ. އަދި މިމެޗް ބައްލަވާލައްވަން ޓީއެމްއޭ ގެ މެނޭޖެމަންޓްގެ އެހެން އިސް ބޭފުޅުންވެސް ވަޑައިންނަވާފައި ވެއެވެ.

ޓީއެމްއޭގެ 110 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވި މި މުބާރާތުގެ މެޗުތައް ފައްޓާފައި ވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެވެ.

މިއަހަރުގެ ކުރީކޮޅުގައި ޓީއެމްއޭ އިން ވަނީ އެ ކުންފުނީގެ އަހަރީ ކްރިކެޓް މުބާރާތާއި ފުޓްސެލް މުބާރާތްވެސް ބާއްވާފައެވެ.