މުދަލުޒަކާތުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 34,714,733.64 ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ މުދަލުޒަކާތުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ތިރީސް ހަތަރު މިލިއަން ހަތްލައްކަ ސާދަ ހާސް ހަތްސަތޭކަ ތިރީސް ތިން ރުފިޔާ، ފަސްދޮޅަސް ހަތަރު ލާރި ލިބިފައިވާއިރު، ޒަކާތުފަންޑުން މިއަހަރު ޒަކާތުގެ ހައްގުވެރިންނަށް 51 މިލިއަން ހަ ލައްކަ ވިހި ހާސް ދުއިސައްތަ ނުވަދިހަ ރުފިޔާ ތިރީސް ހަތްލާރި ޚަރަދުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޒަކާތުގެ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން ސައުދީ އަރަބިޔާގެ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ ފަންނީ އެހީތެރިކަން މިއަހަރުގެ ތެރޭގައި ލިބިފައިވާ ކަމަށެވެ. އަދި އެ ފަންނީ އެހީތެރިކަމުގެ ދަށުން އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ޒަކާތުގެ ބިލް އިތުރަށް ހަރުދަނާކޮށް، ނިންމާފައިވާ ކަމަށާއި އެބިލަށް ޚިޔާލު ހޯދުމަށް މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.

އެ ބިލް ނިމުމުން ޒަކާތުގެ 'އިންފޮމޭޝަން ސިސްޓަމް' ތައްޔާރު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.