08 Nov 2014, 19:47
މުއާސަލާތީ ކުންފުނި ދިރާގުން، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 200،000 ރުފިޔާ އަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ހަދިޔާކޮށްފި އެވެ.
ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެތަކެތި ހަވާލުކޮށްދެއްވީ ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދު އާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެވެ.
އެގޮތުން ދިރާގުން އެ މަރުކަޒަށް ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި ފިޒިއޮތެރަޕީއަށް ބޭނުންވާ ތަކެއްޗާއި ސިއްހީ ފަރުވާއަށް ބޭނުންވާ ސާމާނުތައް ހިމެނެއެވެ. އޭގެ ތެރޭގައި އީސީޖީ މެޝިން، އޮޓޯކްލޭވް، ކޮލެސްޓްރޯލް ޓެސްޓިން މެޝިން، ގްލޫކޮމީޓަރު، ވީލް ޗެއާ، ވޯކާސް، ކޮމޯޑް ޗެއާ، ވޯޓާބެޑް ޓްރެޑްމިލް އަދި ސްޓެޓިކް ސައިކަލް ފަދަ ތަކެތި ހިމެނެ އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ދިރާގުން މިއަދު ހަދިޔާކުރި ތަކެތީގެ ތެރޭގައި އެ މަރުކަޒުގައި ހުރި ޕީބީއޭއެކްސް ސިސްޓަމްގެ އިންސްޓޯލޭޝަން ޚިދުމަތާއި އެމަރުކަޒުގެ މުއާސަލާތީ ބޭނުމަށް ފޯނާއި ކަނެކްޝަން ކިޓާއި ޕްރިޕެއިޑް ޓޮޕްއަޕް ފަދަ ތަކެތި ވެސް ހިމެނެއެވެ.
އެތަކެތި ހަދިޔާކުރުމަށް އެ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ، ވިޔަފާރިއެއްގައި ހަމައެކަނި އޮންނާނެ މަސައްކަތަކީ އެއިން ނަފާ ހޯދުން ނޫން ކަމަށާއި އާންމު މުޖުތަމައަށް އެހީވުމާއި، ޚިދުމަތްކޮށް ދިނުމަކީ ވެސް ވިޔަފާރީގެ އެއް ލަނޑުދަނޑި ކަމަށެވެ.
އެހެންކަމުން މިއަދު ދިރާގުން އެ މައުރަޒަށް އަގުހުރި ތަކެތި ހަދިޔާކުރުމުން އަނިލް އެކަމަށް ޝުކުރު އަދާކުރެއްވި އެވެ. އަދި އެހެން ބޮޑެތި ވިޔަފާރި ކުންފުނިތައް ވެސް ދިރާގުން އެ ވެދެއްވި ފަދަ އެހީތައް، އެފަދަ މަރުކަޒުތަކަށް ވެދެއްވުމަށް އަނިލް އެދިވަޑައިގެންނެވި އެވެ.
ދިރާގުގެ ސީއީ އިސްމާއިލް ރަޝީދު ވިދާޅުވީ، މުޖުތަމައުގައި ހުންނަ އެފަދަ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަކީ ދިރާގުން އަބަދުވެސް ވަރަށް ސަމާލުކަން ދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެގޮތުން މިއަދު ހަދިޔާކުރި ތަކެތީގެ އިތުރުން ކުރިއަށް އޮތް ތާނގައި ވެސް އެފަދަ އެހީތައް އެފަދަ މަރުކަޒުތަކަށް ވެދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިންވެސް ދިރާގުން ވަނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފިޒިއޮތެރަޕީ އަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފަ އެވެ. އަދި މިހާރު ވެސް ދިރާގުން ދަނީ އެ މަރުކަޒަށް އިންޓަނެޓްގެ ޚިދުމަތް ހިލޭ ފޯރުކޮށްދެމުންނެވެ.