08 Nov 2014, 18:52
ރާއްޖޭގެ މިސްކިތްތަކުގައި ނަމާދުކުރަމުން ދަނީ އިސްލާމްދީނާއި ރަސޫލާގެ ސުންނަތުގައި ބަޔާންވެފައިވާ ގޮތުގެމަތިންކަމަށާއި އެހެންކަމުން އެ ޖަމާއަތް ދޫކޮށްފައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ، ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުމަކީ ރާއްޖޭގެ ދީނީ އިލްމުވެރިންވެސް އަދި ދުނިޔޭގެ އެކި ގައުމުތަކުގެ އިލްމުވެރިން ވެސް ތާއީދުކުރާ ކަމެއް ނޫން ކަމަށެވެ.
"ދިވެހިރާއްޖެއަކީ މިއީ މުސްލިމުން ދިރިއުޅޭ މުޖުތަމައުއެއް. މިތަނުގެ މިސްކިތްތަކުގައި ނަމާދުކުރެވެމުން މިދަނީ އިސްލާމްދީނާއި ރަސޫލާގެ ސުންނަތުގައި ބަޔާންވެފައިވާ ގޮތުގެމަތިން. އެހެންވީމަ މިތަނުގެ ޖަމާއަތް ދޫކޮށްފައި ވަކިން ޖަމާއަތް ހަދައިގެން ކަންތައްތަކެއް ކުރަންޖޭހެ ކަމަށް އެއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން. ރާއްޖޭގައި ކިޔަވައިގެންތިބި އިލްމުވެރިން އެއްވެސްގޮތަކަށް ތާއީދުކުރައްވާ ކަމެއްނޫން އެއީކީ. އަދި ދުނިޔޭގެ އެހެންތަންތަނުގައި ވެސް އިލްމުވެރިން ތާއީދުކުރާ ކަމެއް ނޫން އެކަންކަމަކީ،" ޑރ. ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިސްކިތަށްވަދެ އެތަނުގެ ހުރުމަތް ކެނޑޭފަދަ އަމަލެއް ހިންގުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރާ މީހުންނާ ބައްދަލުކޮށް ނަސޭހަތްތެރިވެ އެކަންތައް ހުއްޓާލުމަށް އިރުޝާދުދީފައިވާނެ ކަމަށެވެ. އަދި ފުލުހުންނާއި ދީނީ އިލްމުވެރިން ތިއްބަވައިގެން އެފަދަ މީހުންނާ ވާހަކަދައްކައި އެކަންތައް ހުއްޓުވުމަށް މަސައްކަތްކޮށްފައިވާނެ ކަމަށާއި ނަމަވެސް އެމީހުން އެކަންތައް ހުއްޓާލާފައިނުވާ ކަމަށެވެ.
"އެހެންނަމެވެސް އެމީހުން އެކަންތައްތައް ނުހުއްޓި. ނުހުއްޓީމަ އެމީހުންނަށް އެބަޖެހޭ ގާނޫނީ ފިޔަވަޅު އަޅަން،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ގައުމެއްގައި ކަނޑައަޅާފައި އޮންނަ މިންގަނޑުތަކުން ބޭރަށް ދިޔުމަށް ދުނިޔޭގެ އެއްވެސް އިސްލާމީ ގައުމެއްގައި ކަނޑައަޅާފައިނުވާނެ ކަމަށާއި އެހެންކަމުން ދީނީ އުސޫލުތަކުން ބޭރުން ކަންތައްތައް ކުރުމުގެ ފުރުސަތު ރާއްޖޭގައި ވެސް ނުދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ރ. މަޑުއްވަރީގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރަމުން އަންނަ މީހުންނަށް ނަސޭހަތްދިނުމަށް މިނިސްޓްރީގެ ވަފްދެއް އެރަށްގޮސް އެމީހުންނާ ބައްދަލުކުރުމުގެ ފުރުސަތަކަށް އެދުނު ކަމަށާއި ނަމަވެސް އެމީހުން ނުކިޔަމަންތެރިކަން ދައްކާފައިވާ ކަމަށެވެ. އަދި އެއީ އިސްލާމީ އުސޫލުތަކެއް ނޫން ކަމަށް ވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.