ދީނީ ގޮތުން މީހުން ހޭލުންތެރިކުރުމަށް މިއަހަރުގެ ތެރޭގައި ވަރަށް ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށް އެއްއަހަރު ފުރެން ކައިރިވެފައިވާތީ އެކަމާ ގުޅިގެން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ، ސްކޫލްތަކުގެ ދަރިވަރުންނާއި ޓީޗަރުންނަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ފޯރަމްތަކާއި ވޯކްޝޮޕްފަދަ ޕްރޮގްރާމްތައް މިއަހަރު ބާއްވާފައިވާ ކަމަށެވެ. އެގޮތުން އެފަދަ 11 ވޯކްޝޮޕެއް ބާއްވާފައިވާއިރު ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލް އެސެމްބްލީގައާއި އެނޫންވެސް ގޮތްގޮތުން ދީނީ ހޭލުންތެރިކުރުވުމުގެ 34 ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައިވާ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށާއި އެކުދިން ބަލަހައްޓާ މީހުން ހޭލުންތެރިކުރުވުމަށް މިއަހަރު 15 ޕްރޮގްރާމެއް ހިންގާފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ ދީނީ އިލްމުވެރިން މެދުވެރިކޮށް ދީނީގޮތުން ހޭލުންތެރިކުރުމުގެ 16 ޕްރޮގްރާމެއް އެކި މުއައްސަސާތަކާއި މިސްކިތްތަކުގައި ހިންގާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޖަލުތަކުގައި ތިބޭ ގައިދީން ރަނގަޅުގޮތުގައި މުޖުތަމައުއަށް ނެރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ގުޅިގެން ނަމާދުކުރުމާއި ދީނީ ކަންތައްތަކަށް އަހުލުވެރިކުރުވުމަށް ކޮންމެ ހަފްތާއަކު އެއްފަހަރު ޕްރޮގްރާމްތައް ކުރިއަށްގެންދެވިފައިވާ ކަމަށާއި އެގޮތުން މާފުށީ ޖަލުގައި 30 ޕްރޮގްރާމަކާއި ހިންމަފުށީ ޖަލުގައި 24 ޕްރޮގްރާމެއްގެ އިތުރުން ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި ހަތް ޕްރޮގްރާމް ހިންގާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ޓެކްނޮލޮޖީ މެދުވެރިކޮށް އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތައް ލުއިފަސޭހަކަމާއެކީ ކުރިއަށްގެންދިޔުމުގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ގުރުއާން ކިޔަވައިދޭން ދަސްކޮށްދޭ ގިނަ ކޯސްތަކެއް ހިންގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަތޮޅުތެރޭގައި ކީރިތިގުރުއާނާ ބެހޭ މަރުކަޒުގެ ކޯސްތައް ހިންގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހައްޖުގެ ނިޒާމް ތަރުތީބުކުރުމަށްފަހު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން 500 މީހުން މިއަހަރު ހައްޖަށް ގެންގޮސްދީފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.