08 Nov 2014, 17:31
ޗައިނާއިން ކުރިއަށް ގެންދާ 21 ވަނަ ގަރުނުގެ މެރިޓައިމް ސިލްކް ރޯޑް ބިނާކުރުމުގެ މަޝްރޫއަށް ހަރަދު ކުރުމަށް 40 ބިލިޔަން ޑޮލަރުގެ ފަންޑެއް އުފައްދާނެ ކަމަށް އެގައުމުން ބުނެފި އެވެ.
ޗައިނާގެ ސަރުކާރުގެ ޒިންހުއާ ނިއުސް އެޖެންސީން މިއަދު ބުނީ 40 ބިލިޔަން ޑޮލަރުގެ "ސިލްކް ރޯޑް ފަންޑް" އުފައްދަވާނެ ކަން އެ ގައުމުގެ ރައީސް ޒީޖިންޕިން ހާމަކުރެއްވީ އެ ގައުމުގެ އަވަށްޓެރިންނާއެކު ގުޅުން ބަދަހިކުރުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ކަމަށެވެ.
މޮންގޯލިއާ އާއި ކެމްބޯޑިއާ އާއި މިޔަންމާ އާއި ޕާކިސްތާނާއި ތަޖިކިސްތާނުގެ އިސް ބޭފުޅުންނާއި ޔޫއެން އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަނުގެ މަންދޫބުންނާއެކު ބޭއްވި ބައްދަލުވުމުގައި ޗައިނާގެ ރައީސް ވިދާޅުވެފައި ވަނީ ފަންޑުގެ ބޭނުމަކީ ގައުމުތަކުގެ މެދުގައި މުއާމަލާތް ކުރުމަށް އެޅިފައި ހުރި ހުރަސްތައް ނައްތައިލުން ކަމަށެވެ. އޭނާ އަދި ވިދާޅުވެފައި ވަނީ ސިލްކް ރޯޑް ފަންޑް އޮންނާނީ ހުޅުވައިލެވިފައި ކަމަށެވެ. އޭޝިއާ އާއި އޭޝިއާއިން ބޭރުގެ އިންވެސްޓަރުން ވެސް މަޝްރޫއުގައި ހަރަކާތްތެރިކަމާ އެކު ބައިވެރި ވުމަށް އޭނާ ވަނީ ގޮވައިލައްވާފަ އެވެ.
ސިލްކު ރޯޑަކީ ޔޫރަޕްގެ ގައުމުތަކުން ޗައިނާ އާއެކު ވިޔަފާރި ކުރުމަށް ވިޔަފާރިވެރިން ދަތުރުކޮށް އުޅުނު މަޝްހޫރު މަގެކެވެ.