08 Nov 2014, 17:29
ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުން ތިލަފުށީގައި ލުއި ޖަލުތަކެއް ހެދުމަށް ނިންމައިފި އެވެ.
ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ވިދާޅުވީ، ޖަލުތައް ވަރަށް ބޮޑަށް ފުރި ބާރުވަމުންދާތީ، ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބޭނުންވާ ޖާގަ ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ލުއި ޖަލުތަކެއް ތިލަފުށީގައި ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ މަސައްކަތާ ބެހޭ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ހުޝާމް ވިދާޅުވީ، މިހާރު ވެސް ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރަށް މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ މީހުންގެ ތެރެއިން އުމަރުން ދުވަސްވީ ބައެއް މީހުން ބަދަލުކޮށްފައިވާ ކަމަށެވެ.
"މިހާރު ވެސް އަޅުގަނޑުމެންވާނީ ހުޅުމާލޭގެ ޑިޓެންޝަން ސެންޓަރަށް ޖަލުގެ ބައެއް ގައިދީން ބަދަލުކޮށް، އެ މީހުންނަށް ތަންކޮޅެއް ފަސޭހަކޮށް އުޅެވޭނެ ގޮތް ހަދައިފައި،" ހުޝާމް ވިދާޅުވި އެވެ.
ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ވެސް ހުޝާމް ވަނީ އަލިއަޅުއްވާލައްވައިފަ އެވެ. އެގޮތުން ކަރެކްޝަނަލް ސާވިސް އިން ދޭންޖެހޭ ބައެއް ހިދުމަތްތައް 24 ގަޑިއިރު ދިނުމުގެ ގޮތުން ޖަލުތަކުގެ ތެރެއިން އެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސާފައިވެ އެވެ. އަދި ޖަލުތަކުގެ ގައިދީން މާލެ ގެނެސް ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހޭތީ، އެ ގައިދީން މާލޭ ޖަލުގައި އެޑްމިޓްކޮށްގެން ބޭސްފަރުވާގެ ހިދުމަތް ދެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޝާމް ވިދާޅުވީ، ޖަލުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ހިންގާފައިވާ ކަމަށެވެ. އެގޮތުން މާފުށީ ޖަލުގައި އެންމެ ގިނަ ގައިދީން ބަންދުކޮށްފައިވާ ބައި ކަމުގައިވާ ޕެންޓަގަންގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފަ އެވެ.
ގައިދީން ރިހެބިލިޓޭޓް ކުރުމަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ފާހަގަ ކުރައްވައި ހުޝާމް ވިދާޅުވީ، ގައިދީންނަށް އައިޓީ ކޯސްތަކާއި ދަނޑުވެރިކަމާއި ގާ އެޅުމުގެ މަސައްކަތްތަކާއި ކަރަންްޓް ވައިރުކުރުމުގެ މަސައްކަތްތަކާއި އަތްތެރިކަމުގެ މަސައްކަތްތައް ދަސްކޮށްދެމުންދާ ކަމަށެވެ.