އުރީދޫ އަށް އިންޓަނެޓް ފިކްސްޑް ލައިންގެ ހިދުމަތް ދިނުމުގެ ހުއްދަ ދިނުން މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް ދަ މޯލްޑިވްސް އަށް އަންގައިފި އެވެ.

އޭސީސީގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އުރީދޫ އަށް އިންޓަނެޓް ސާވިސް ޕްރޮވައިޑާ (އައިއެސްޕީ)ގެ ހުއްދަ ދޭން ނިންމާފައި ވާތީ އެކަމުގެ ޝާކުވާ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައި ވާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ އެކަމުގެ ތަފްސީލެއް ދެއްވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުރީދޫ އަށް އައިއެސްޕީގެ ހިދުމަތް ދިނުމުގެ ހުއްދަ ދިނުމަށް ހޯމް މިނިސްޓަރު ނިންމަވައި އެކަން ވަނީ ކޭމް އަށް އަންގަވައިފަ އެވެ.

ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ޗީފް އެގްޒެކްޓިވް އިލްޔާސް އަހްމަދު ވިދާޅުވީ އުރީދޫ އަށް އިންޓަނެޓް ސާވިސް ޕްރޮވައިޑަ (އައިއެސްޕީ)ގެ ހުއްދަ ދިނުމަށް ހޯމް މިނިސްޓަރު ނިންމަވާފައި ވަނީ އެ ކުންފުންޏަކީ ވަރަށް ގިނަ އިންވެސްޓްމަންޓްތަކެއް ރާއްޖޭގައި ކޮށްފައިވާ ކުންފުންޏަކަށް ވާތީ އާއި ވާދަވެރި މާހައުލެއްގައި އެ ކުންފުނީގެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ނަމަވެސް އިލިޔާސް މިއަދު "ސަން" އަށް ވިދާޅުވީ އުރީދޫ އަށް އެ ހިދުމަތް ދޭން ނިންމާފައިވާ ކަން މިދިޔަ ބުރާސްފަތި ދުވަހު ކޭމް އިން ހާމަކުރި އިރު ވެސް، އެ ހުއްދަ ދިނުން މަޑުޖައްސާލަން އޭސީސީ އިން އަންގާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އޭސީސީ އިން ބަލަމުން އަންނާތީ އެކަމުގެ އިތުރު ތަފްސީލް ދެއްވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުރީދޫ އަށް އެ ހިދުމަތް ދިނުމުގެ ހުއްދަ ދޭން ހޯމް މިނިސްޓަރު އުމަރު ނަސީރު ނިންމަވާފައި ވަނީ އާމްދަނީގެ ފަސް ޕަސެންޓް ސަރުކާރަށްދޭ ގޮތަށެވެ. އަދި އުރޫދޫ އިން އައިޕީއެސްގެ ހިދުމަތް ރާއްޖޭގައި ދިނުމުގެ ފީއެއްގެ ގޮތުގައި 50،000 ޑޮލަރު ދައްކަން ޖެހެ އެވެ.

އުރީދޫ އަށް އެ ހިދުމަތް ދޭން ނިންމަވައި މިނިސްޓަރު ކޭމް އަށް ފޮނުއްވި ސިޓީގައި ސަރުކާރުން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި އެ ހިދުމަތް ދޭން ޖެހޭނީ އޮޕްޓިކް ފައިބަ ބޭނުން ކޮށްގެންނެވެ. އަދި 5،000 މީހުންނަށް ވުރެ މަތީގެ އާބާދީތަކަށް ދެ އަހަރު ދުވަހުގެ ތެރޭގައި އިންޓަނެޓްގެ ހިދުމަތް ދޭން ޖެހޭނެ ކަމަށާއި 2،000 އަށް ވުރެ މަތީގެ އާބާދީ އޮންނަ ރަށްތަކަށް ތިން އަހަރު ތެރޭގައި އެ ހިދުމަތް ދޭން ޖެހެ އެވެ.

މީގެ އިތުރުން ސަރުކާރުން ކަނޑައަޅާ 80 ރަށަކަށް ވެސް އިންޓަނެޓްގެ ހިދުމަތް އުރީދޫން ދޭން ޖެހެ އެވެ.