މާލޭގެ މަގުތައް މާލޭ ކައުންސިލްގެ ބާރުގެ ދަށުން ސަރުކާރަށް ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވެފައި ވަނީ މާލޭގެ ބިންތައް ސަރުކާރަށް ނެގުމަށް ވަޒީރުންގެ މަޖިލީހުން މިދިޔަ ހަފްތާގައި ނިންމުމާ ގުޅިގެން ރޭ އޭނާގެ އެފްބީގައި ލިޔުއްވި ސްޓޭޓަސްއެއްގަ އެވެ.

ޝާހިދު މިއަދު "ސަން" އަށް ވިދާޅުވީ، މަގުތައް ހެދުމާއި މަގުތައް ބެލެހެއްޓުމުގެ ބާރަކީ ލާމަރުކަޒީ ގާނޫނުން މާލޭ ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރެއް ކަމުގައިވާ އިރު މަޖިލީހަށް ހުށަހެޅުމެއް ނެތި ސިޓީ ކައުންސިލްގެ ބާރުގެ ދަށުން ސަރުކާރަށް މަގުތައް ނެގުމަށް ނިންމެވި ނިންމެވުމަކީ ގާނޫނާ ހިލާފު ނިންމެވުމެއް ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.

"ގާނޫނަކުން ލިބިދީފައިވާ ބާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ނޫން ގޮތަކަށް ބަދަލެއް ނުކުރެވޭނެ. އެހެން ކަމުން ސަރުކާރުން އެގޮތަށް ކަންތައް ކުރެއްވުމަކީ މަޖިލީހުގެ އިހްތިސާސްގެ ތެރެއަށް އަރައިގަތުން. އެ ނޫން ގޮތަކަށް އެކަންތައް ކުރުމަކީ ގާނޫނާ ހިލާފް ކަމެއް،" ޝާހިދު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިޙްތިޞާސް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމާ ބެހޭ ޤަވާޢިދުގައިވާ ގޮތުގެ މަތީން މާލޭ ސިޓީ ކައުންސިލާ ޙަވާލުކުރެވިފައިވާ މާލޭގެ މަގުތައް، ސަރުކާރަށް ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ އިޖްތިމާޢީ ކަންކަމަށް، ދައުލަތުގެ ބިމާއި ދައުލަތުގެ ބިން ހިމެނޭ ސަރަޙައްދު ސަރުކާރަށް ނެގުމަށް އޮންނަ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

އެދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި ނަޖިސްބޭރުވުން ފަދަ ތަފާތު މައްސަލަތައް ޢާއްމު ރައްޔިތުންގެ ފަރާތުން ސަރުކާރަށް ތަކުރާރުކޮށް ހުށަހަޅަމުންދާކަން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ފާހަގަ ކުރައްވައިފަ އެވެ.