08 Nov 2014, 15:54
ބަރުމާގެ ބުޑިސްޓު ޖަމާއަތްތަކާއި އެގައުމުގެ ސިފައިންނާ ފުލުހުންގެ އަނިޔާއިން ސަލާމަތް ވުމަށް ދުވާލަކު ގާތްގަނޑަކަށް 900 މުސްލިމުން އެގައުމު ދޫކޮށް ދެ އެވެ. ރޯހިންޔާ ދަރިކޮޅުގެ އެމީހުން އެއީ ބަރުމާގެ ރައްޔިތުން ކަމަށް އެގައުމުގެ ސަރުކާރުން ގަބޫލެއް ވެސް ނުކުރެ އެވެ. ފުރާނަ ސަލާމަތް ކުރުމަށް ބަރުމާ ދޫކޮށް ދިއުމަށް ވެސް ބަރުމާގެ ސަލާމަތީ ބާރުތަކުން އަގު ނަގާކަން މިހާރު ވަނީ ފަޅާއަރާފަ އެވެ.
ރޯހިންޔާ ދަރިކޮޅުގެ މީހުންގެ ހާލަތު ބަލަމުން އަންނަ ތައިލެންޑްގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ ފޯޓީ ރައިޓްސް ގްރޫޕުން ބުނެފައި ވަނީ ބަރުމާ ދޫކޮށް މުސްލިމުން ގޮވައިގެންދާ ކޮންމެ ބޯޓަކުން ގާތްގަނޑަކަށް 500 އާއި 600 އާ ދެމެދުގެ އަދަދެއްގެ ޑޮލަރުގެ ފައިދާއެއް އެގައުމުގެ ސިފައިން ނަގާ ކަމަށެވެ. އިންސާނުންގެ ވަގު ވިޔަފާރި ކުރާ މީހުން ދުއްވާ އެބޯޓްފަހަރު ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދަށް ނުކުތުމަށް ބަރުމާ ސިފައިން އެހީތެރިވާ ކަމަށް ވެސް އެޖަމާއަތުގެ ރިޕޯޓްގައިވެ އެވެ.
އިއްޔެ ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ބައެއް ހާދިސާތަކުގައި ހިއުމަން ޓްރެފިކް ކުރާ މީހުންގެ އިތުރުން ސީދާ ރޯހިންޔާ މުސްލިމުންގެ އަތުން ވެސް ބަރުމާގެ ސަލާމަތީ ބާރުތައް ފައިސާ އަތުލާފައިވާ ކަމަށެވެ.
"... އެހެން ހާދިސާތަކެއްގައި މިޔަންމާ ފުލުހުންގެ ޑިޕާޓްމެންޓުން ވަކި ވަކި ރޯހިންޔާ ޕެސެންޖަރުން އަތުން ބޮލަކަށް 15 ޑޮލަރު ނަގާފައި ވެއެވެ،" ފޯޓީ ރައިޓްސްގެ ރިޕޯޓްގައިވެ އެވެ.