08 Nov 2014, 15:46
އާމްދަނީގެ ފަަސް ޕަސެންޓް ސަރުކާރަށްދޭ ގޮތަށް، ފިކްސްޑް ލައިން މެދުވެރިކޮށް އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ހުއްދަ އުރީދު އަށް ދޭން ސަރުކާރުން ނިންމައިފި އެވެ.
'
ހޯމް މިނިސްޓްރީ އިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ޗީފް އެގްޒެކްޓިވް އިލްޔާސް އަހްމަދު ވިދާޅުވީ އުރީދު އަށް އިންޓަނެޓް ސާވިސް ޕްރޮވައިޑަ (އައިއެސްޕީ)ގެ ހުއްދަ ދިނުމަށް ހޯމް މިނިސްޓަރު ނިންމަވާފައިވާ ކަމަށެވެ. އަދި އުރީދޫ އަށް ލައިސަންސް ދިނުމާ ބެހޭ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އުރީދޫ އަށް އެ ހުއްދަ ދިނުމަށް މިނިސްޓަރު ނިންމަވާފައި ވަނީ އެ ކުންފުންޏަކީ ވަރަށް ގިނަ އިންވެސްޓްމަންޓްތަކެއް ރާއްޖޭގައި ކޮށް، އަދި އެހެން ނަމަވެސް ވިޔަފާރީގެ ގޮތުގައި ހަމައެކަނި މޯބައިލް ފޯންގެ ހިދުމަތް ދެމުން ގެންދިއުމަކީ އެފަރާތަށް ވަރަށް ގޮންޖެހުންތަކެއް ކުރި ކަމެއް ކަމަށް ފާހަގަ ކުރެވިފައި ވާތީ. އަދި ވާދަވެރިކަމުގެ ތެރެއިން ހިދުމަތްތަކުގެ ފެންވަރާއި އަގުތަކާއި އެހެން ކަންތައްތައް ރަނގަޅު ކުރުމުގެ ފުރުސަތު ދިނުމަށް،" އިލްޔާސް ވިދާޅުވި އެވެ.
ފިކްސްޑް ލައިން މެދުވެރިކޮށް އިންޓަނެޓްގެ ހިދުމަތް ރާއްޖޭގައި މިހާރު ދެމުން ގެންދަނީ ދިރާގުގެ އިތުރުން އާރުއޯއެލް އިންނެވެ. އުރީދޫ އިން ދެނީ މޯބައިލް އިންޓަނެޓްގެ ހިދުމަތް އެކަންޏެވެ.
އުރީދޫ އަށް އެ ހިދުމަތް ދިނުމަށް ހޯމް މިނިސްޓްރީ އިން ނިންމާފައި މިވަނީ އުރީދޫ އިން އެ ހިދުމަތަށް ދިނުމުގެ ހުއްދަ އަށް އެދި މިނިސްޓްރީ އަށް ހުށަހެޅުމާ ގުޅިގެންނެވެ.