ހއ. ބާރަށު ސްކޫލްގެ ގްރޭޑް ހަތަރަކުން މަތީ ގްރޭޑުތަކުގެ އަންހެން ކުދިން ސްކޫލް ޔުނީފޯމާ އެކު ބުރުގާ އެޅުން މަޖުބޫރު ކުރުމަށް އެ ރަށު ސްކޫލުގެ ބެލެނިވެރިން ފާސްކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ބާރަށު ސްކޫލުގެ ޔުނީފޯމް ކޯޑަށް ބަދަލުގެނައުމަށް ސްކޫލުގެ ފަރާތުން ބެލެނިވެރިންނާއި މަޝްވަރާ ކުރުމުން ބެލެނިވެރިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވޯޓުދީފައި ވަނީ އަންނަ އަހަރުން ފެށިގެން ގްރޭޑް ހަތަރަކުން މަތީ ގްރޭޑްތަކުގެ ކުދިން ސްކޫލް ޔުނީފޯމާ އެކު ބުރުގާ އަޅަން މަޖުބޫރު ކުރުމަށެވެ.

"ބެލެނިވެރިންގެ ބައްދަލުވުމަށް ހާޒިރުވި 83 ބެލެނިވެރިންގެ ތެރެއިން 55 ބޭފުޅުންގެ ވޯޓުން އެގޮތަށް ނިންމީ،" ބާރަށުން ސަން އަށް މައުލޫމާތު ދިން ބޭފުޅަކު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ބާރަށު ސްކޫލްގެ ޕްރިންސިޕަލް އަހުމަދު އާސިފްއާ މިއަދު ސަން އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ އެގޮތަށް ބެލެނިވެރިން ހުށައަޅާފައިވާ ކަމަށާއި ނަމަވެސް އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމައި ފައިނަލް ކުރާނީ އެޑިއުކޭޝަން މިނިސްޓްރީ އިން ކަމަށެވެ.