ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދުމަނިކު އެވެ.

އަމީތު ހުށަހެޅުވި ބިލްގައިވާ ގޮތުން އެފަދަ ގާނޫނެއްގެ މަގުސަދަކީ ޖިނާއީ ތަހުގީގުތަކުގައި އެހީތެރި ވުމަށްޓަކައި ރާއްޖޭގައިވާ މީހުން އެ ގައުމުތަކަށް ދަތުރު ކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގައި ބޭރު ގައުމުތަކުން ރާއްޖެއަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭ އުސޫލުތަކާއި އެފަދަ އެހީ ފޯރުކޮށްދިނުމުގައި އަމަލު ކުރާނެ ގޮތް ބަޔާން ކުރުމެވެ. އަދި ތަހުގީގުތަކުގައި އެހީތެރި ވުމަށް ބޭރު ގައުމުތަކުގައިވާ މީހުން ރާއްޖެއަށް ދަތުރު ކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގައި ބޭނުންވާ އެހީ ހޯދުމަށްޓަކައި ރާއްޖެއިން އެދުމާއި އެފަދަ އެހީ ހޯދުމުގައި އަމަލު ކުރާނެ އުސޫލުތައް ވެސް އެ ބިލްގައި ވަނީ ބަޔާންކޮށްފައެވެ.

އެ ބިލުގައިވާގޮތުން އެ ގާނޫނު ދުނިޔޭގެ ހުރިހާ ގައުމަކަށް ހިނގާނެއެވެ. އަދި އެ ގާނޫނުގެ ދަށުން ފޯރުކޮށްދޭ އެއީއަށް ބޭރުގައުމުތަކުގައި ރާއްޖޭގެފަރާތުން އެދޭނީ ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއް ކަމަށް އެ ބިލްގައި ވެއެވެ.

ބޭރު ގައުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެ ގައުމުގައިވާ މީހެއްގެ ބަޔާނެއް ހޯދުމަށާއި މައްސަލައާ ގުޅޭގޮތުން އެއްޗެހި ހޯދުމަށް ބޭރު ގައުމުގެ ކަމާ ބެހޭ ފަރާތެއްގެ ކިބައިން ޕްރޮސެކިއުޓާ ޖެނެރަލް އަށް އެދެވިދާނެ ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.

ސަރުކާރުން ހުށަހެޅި އެބިލުގައި ބުނެފައިވަނީ ހެކި ހޯދުމަށް ބޭރު ގައުމަކަށް އެދުމުގައި ރާއްޖޭގައިވާ މީހެއްގެ ބަޔާން ހޯދުމަށާއި މައްސަލައާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ހޯދުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ފެންނަ ގޮތަކަށް އަމަލު ކުރެވިދާނެ ކަމަށެވެ.

ބޭރު ގައުމެއްގައިވާ މީހަކު އެހެން ބޭރު ގައުމެއްގައު ހިނގާ ޝަރީއަތެއްގައި ހެކި ދިނުމަށް ރާއްޖޭގައި ޓްރާންޒިޓް ކުރުމަށް ބޭރު ގައުމަކުން އެދޭނަމަ ޕްރޮސެކިއުޓާ ޖެނެރަލް އަށް ހުއްދައެއް ދެވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

ރާއްޖޭގައި ޖިނާއީ ކުށެއް ކޮށްގެން ހޯދާފައިވާ މުދަލެއް ދައުކަތަށް ނެގުމަށް ރާއްޖޭ ކޯޓުން އަމުރު ކޮށްފިނަމަ އެ މުދާ ހުރީ ބޭރު ގައުމެއްގައި ވާނަމަ އެކަންތައް ހަމަޖައްސައި ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް އަށް އެދެވިދާނެ ކަމަށް އެ ބިލިގައި ބުނެފައިވެއެވެ.

ބޭރު ގައުމެއްގައި ޖިނާއީ ބޮޑު ކުށެއް ކޮށްގެން ހޯދާފައިވާ މުދަލަކަށް ވާނަމަ އަދި އެ ނެގުމަށް އެގައުމެއްގެ ދައުލަތަށް ނެގުމަށް ކޯޓުން އަމުރު ކޮށްފައިވާނަމަ އެއަމުރު ތަންފީޒު ކުރުމަށް ރާއްޖެއިން ކުރަން ޖެހޭ ކަންތައް ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް އަށް ހުށަހެޅިދާނެ ކަމަށް ވެސް އެ ބިލްގައި ވެއެވެ.

އެ ބިލްގައި ވަނީ އެ ގާނޫނުގެ ދަށުން ބޭރުގައުމަކުން ހުށަހަޅާ ހުށަހެޅުމަކީ މަރުގެ ހުކުމް ކަނޑައެޅިފައިވާ ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ގުޅޭގޮތުން ނުވަތަ އެފަދަ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް އަދަބުދިނުމާ ގުޅޭގޮތުން ހުށަހެޅިފައިވާ ހުށަހެޅުމަކަށްވާނަމަ އެ ހުށަހެޅުން ނިސްބަތްވާ މައްސަލައިގެ ޚާއްސަ ހާލަތްތަކަށް ރިއާޔަތްކުރުމަށްފަހު އެ އެހީއަކީ ކޮންމެހެން ފޯރުކޮށްދޭންޖެހޭ އެހީއެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އަށް ފެނިއްޖެ ހިނދެއްގައި ނޫނީ އެ ހުށަހެޅުމެއް ބަލައިގަނެގެން ނުވާނެ ކަމަށެވެ.