08 Nov 2014, 14:53
އެއްޗެހި ބެހެއްޓޭ ތަން ހަނދާނުން ކައްސާލައިގެން ދިޔުމަކީ އާދަކޮށްވާ ކަމެއް ހެއްޔެވެ؟ އެހެން ނޫނީ އެންމެ ގާތް އެކުވެރިންނާއި ގާތްތިމާގެ މީހުންގެ އުފަން ދުވަސް ފަދަ މުހިންމު ދުވަސްތައް ހަނދާން ނެތިގެންދާ ފަހަރު އާދޭ ހެއްޔެވެ؟ މިއީ އާންމުކޮށް އަހަރެމެންގެ ތެރޭގައި ދިމާވަމުން އަންނަ ކަމެކެވެ. އުމުރުން ދުވަސްވާ ވަރަކަށް ހަނދާނުގެ ބާރު ދަށްވެ އެވެ. އެހެންނަމަވެސް ޒުވާން އުމުރުގައި މިފަދަ މައްސަލަތައް ދިމާވުމަކީ އެކަމުގެ ސަބަބުން އެތައް ތަކުލީފުތަކެއް ތަހައްމަލު ކުރަން ޖެހޭ ކަމެކެވެ. ވުމާ އެކު މި ލިޔުމުގައި މި ބަލައިލަނީ ހަނދާން ގަދަކޮށް ދިނުމަށް އެހީތެރިވެދޭނެ ކާނާތަކެއްގެ ވާހަކަ އެވެ.
އެގޮތުން ފުރަތަމަ މި ބަލައިލާ ކާނާ އަކީ މަހެވެ. ތެޔޮ އެކުލެވިގެންވާ މަހުގެ ބާވަތްތަކުގައި ހިމެނޭ "އޮމެގާ-3-ފެޓީ އެސިޑް"އަކީ ސިކުނޑި ތަރައްގީކޮށް ހަނދާން ގަދަކޮށްދޭ ބާވަތެކެވެ. "އޮމެގާ-3-ފެޓީ އެސިޑް"އަކީ ސިކުނޑީގެ އިތުރުން ހިތަށް ވެސް ފައިދާ ހުރި ބާވަތެކެވެ. އަދި މަހުގެ ބާވަތްތައް ބޭނުން ނުކުރައްވާ ހަމައެކަނި މޭވާ އާއި ތަރުކާރީ ބޭނުންކުރައްވާ ބޭފުޅުންނަށް ބަރަބޮލުގެ އޮށް ބޭނުންކުރެއްވިދާނެ އެވެ. މީގައި ވެސް "އޮމެގާ-3-ފެޓީ އެސިޑް" އެކުލެވިގެންވެ އެވެ. ހަމައެއާ އެކު ބަރަބޯ އޮށަކީ ހަނދާނުގެ ބާރު ގަދަކޮށްދޭ މާއްދާއެއް ކަމުގައިވާ "ޒިންކް" އިން މުއްސަނދިވެފައިވާ ކާނާއެކެވެ.
ރޯސްމެރީއަކީ ވެސް ހަނދާން ގަދަކޮށްދޭ ބާވަތެކެވެ. މީގައި ހިމެނޭ "ކާރނޮސިކް އެސިޑް"ގެ ސަބަބުން ސިކުނޑި އިތުރަށް ވަރުދަގަކޮށްދެ އެވެ. ރޯސްމެރީއަކީ މިހާރު ވެސް މީހުން އަލްޒެއިމާ ބައްޔަށް ބޭނުންކުރަމުން އަންނަ ފަރުވާއެކެވެ. މީގެ އިތުރަށް ވޮލްނަޓް ނުވަތަ ސިކުނޑި ބަދަނަކީ "އޮމެގާ-3-ފެޓީ އެސިޑް"، "ޕޮލީއަންސެޗުރޭޓެޑް ފެޓްސް" ފަދަ މާއްދާތަކުން ބާރު ލިބިފައިވާ ކާނާއެކެވެ. ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ކޮންމެ ދުވަހަކު މުށެއްގެ ބަދަން ބޭނުންކުރައްވާ ކަމުގައިވާ ނަމަވެސް ސިކުނޑިއަށް ދިރުންލިބި ހަނދާން ގަދަކޮށްދޭނެ އެވެ. އަދި މީގައި އެކުލެވިގެންވާ "ވިޓަމިން އީ" މި މާއްދާގެ ސަބަބުން އުމުރުން ދުވަސްވުމުގެ ސަބަބުން ސިކުނޑިއަށް ދިމާވާ ބަލިތަކުން ދުރުކޮށްދެ އެވެ.
އެވޮކާޑޯއަކީ ވަރަށް ގިނަ ބަލިތަކަށް ޝިފާއެކެވެ. މި ބޭނުންކުރުމުން ސިކުނޑީގައި ލޭދައުރުކޮށްދިނުން ރަނގަޅުވެ، ހަނދާން ގަދަވެ އެވެ. ހަމައެހެންމެ އާމަންޑްސްއަކީ ވެސް "ވިޓަމިން ބީ6"، "ވިޓަމިން އީ"، "އޮމެގާ-3" އަދި "އޮމެގާ-6-ފެޓީ އެސިޑް"އިން މުއްސަނދިވުމުގެ ސަބަބުން ހަނދާން ގަދަކޮށްދިނުމަށް އެހީވެދޭ ކާނާއެެކެވެ. އެގޮތުން ރޭގަނޑު އާމަންޑް ފެންއެއްޗެއްގެ ތެރެއަށް ލުމަށް ފަހު ހެނދުނު އެ ބޭނުންކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.
ފަހުގެ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ބްލޫބެރީއަކީ ވެސް ހަނދާން ގަދަކޮށްދޭ ކާނާއެކެވެ. އެގޮތުން މީގައި ހިމެނޭ "އެންޓި އޮކްސިޑެންޓް"ގެ ސަބަބުން ސިކުނޑިއަށް ލިބިދޭ ގެއްލުންތަކުން ސަލާމަތްކޮށްދެ އެވެ. އަދި ހަމައެހެންމެ ބްލޫބެރީއަކީ ދަސްކުރުމުގެ ބާރު އިތުރުކޮށްދީ، ސިކުނޑީގެ މުއާސަލާތުކުރުން ރަނގަޅުކޮށްދިނުން ފަދަ އެތަށް ކަމަކުން ސިކުނޑިއަށް ފައިދާކުރުވަނިވި ކާނާއެކެވެ.
ޑާކް ޗޮކްލެޓް އަދި ފިޔާއަކީ ވެސް އޭގައި ހިމެނޭ "އެންޓިއޮކްސިޑެންޓް"ގެ ސަބަބުން ހަނދާން ގަދަކޮށްދޭ އެއްޗެކެވެ. އަދި މިލްކް ޗޮކްލެޓަކީ ވެސް މިކަމަށް ފުދޭނޭ އެއްޗެކެވެ. އަދި މި ލިސްޓަށް އާފަލު ވެސް އިތުކޮށްލެވިދާނެ އެވެ. ސަބަބަކީ އޭގައި ވެސް "އެންޓިއޮކްސިޑެންޓް" ހިމެނިފައިވާތީ އެވެ. އަދި ހަނދާން ގަދަކޮށްދިނުމަށް ކަމުގައިވާ ނަމަ އެންމެ ރަނގަޅީ ރަތްކުލައިގެ އާފަލު ބޭނުންކުރުމެވެ.
މާމުއިގައި ހިމެނޭ "ފްރަކްޓޯޒް" އަކީ ސިކުނޑިއަށް "ތެޔޮ" ފަދަ މާއްދާއެކެވެ. ސިކުނޑިއަށް ކުރިމަތިވާ ތަފާތު މައްސަލަތަކާއި ނުރައްކާތަކުން ރައްކާތެރިކޮށްދޭ ކާނާއެއް ކަމުގައި މާމުއިވެ އެވެ. މާމުއިގެ އިތުރަށް ބީޓްރޫޓަކީ ވެސް ވިސްނުން ތަރައްގީކޮށް ހަނދާނުގެ ބާރުގަދަކޮށްދޭ ކާނާއެކެވެ. މި ކާނާތަކުގެ އިތުރަށް ފެނަކީވެސް ސިކުނޑީގެ މަސައްކަތްތަކަށް އިތުރު އެހީއެއް ފޯރުކޮށްދޭ އެއްޗެކެވެ.
މައުލޫމާތު: ހެލްތު ޑައިޖެސްޓް