އިރާގުގެ ސަރުކާރު ސިފައިންނާއި އެގައުމުގައި ވަކިވެގަނެގެން އުޅޭ ކުރުދީ ހަނގުރާމަވެރިން ތަމްރީނުކުރުމަށާއި އެމީހުންނަށް އިރުޝާދު އެމެރިކާގެ 1500 ސިފައިން ފޮނުވަން ނިންމައިފި އެވެ.

ސީއެންއެން ބުނީ އެ ސިފައިން ފޮނުވުމުން އިރާގުގައި މިހާރު އޮތް އެމެރިކާގެ ފައުޖުގެ ސިފައިންގެ އަދަދު ދެގުނަ ވެ، 2900 އަށް އަރާނެ ކަމަށެވެ.

އިރާގަށް ސިފައިން ފޮނުވުމާ ބެހޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިރާގަށް ފޮނުވާ ސިފައިންނަށް ހަނގުރާމައިގެ ދައުރެއް ނޯންނާނެ ކަމަށެވެ. އަދި އެމީހުން ހަރަކާތްތެރިވާނީ އިރާޤުގެ ވެރިރަށް ބަޣުދާދާއި ވަކި ( ވަކި ވެރިކަމެއް ހަދައިގެން އުޅޭ ކުރުދިސްތާނުގެ ވެރިރަށް) އިރުބީލްގެ ބޭރުގައިވާ ބޭސްތަކުގައި ކަމަށް ވެސް ބުނެފައި ވެއެވެ.

އިސްލާމިކް ސްޓޭޓް ( އައިއެސް) އާ ދެކޮޅަށް އިރާގާއި ސޫރިޔާގައި އެމެރިކާއިން ކުރަމުންދާ ހަނގުރާމައަށް ހަރަދު ކުރަން އިތުރު 5.6 ބިލިޔަން ޑޮލަރު ހަމަޖައްސައި ދިނުމަށް އެމެރިކާގެ ކޮންގްރެސްގައި އެދޭނެ ކަމަށް ވެސް އެބަޔާނުގައި ވެއެވެ.