08 Nov 2014, 14:36
މަގުމަތީގައި ކުއްތާ އާ އެކު ހިނގާ މީހުންނަށް ހަރުކަށި އަދަބުދޭން ކަނޑައަޅާ ޕްލޭނެއް އީރާނުގައި ތަންފީޒު ކުރުމުގެ މަސައްކަތް މަޖިލީހުގެ ހަރުކަށި މެންބަރުންތަކެއް ފަށައިފި އެވެ.
އެެމެރިކާގެ ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އެޖެންސީއާ ހަވާލާދީ ބީބީސީ އިން ބުރާސްފަތި ދުވަހު ބުނީ ގެއިން ބޭރުގައި ކުއްތާ ގޮވައިގެން އެޔާ ކުޅެ އަދި ވާކޮޅުގައި އަތުގުޅުވައިގެން ދާ މީހުން 74 އެތިފަހަރުން ތައުޒީރު ކުރުމަށް ގޮވާލާ ބިލެއް ގާނޫނު ހަދާ މަޖިލީހަށް އެ މަޖިލީހުގެ 32 މެންބަރަކު ހުށަހަޅާފައިވާ ކަމަށެވެ. އެ ބިލްގައި ބުނަނީ އެއީ އިސްލާމް ސަގާފަތުގައި މަނާ ކަމެއް ކަމަށާއި އަދި އެކަމުގެ ސަބަބުން އެހެން މީހުންގެ، ހާއްސަކޮށް ކުޑަކުދިންނާއި އަންހެނުންގެ އަމާން ކަމާއި ރައްކާތެރި ކަމަށް ހުރަަސް އެޅޭ ކަމަށެވެ.
އެ ޕްލޭންގައިވާ ގޮތުން ފުލުހުންގެ އަމުރަށް ނުކިޔަމަންވާ މީހަކު އަދި ފުލުހުންގެ އަމުރާ ހިލާފަށް ކުއްތާ ގެންދާ މީހަކު 3،740 ޑޮލަރުން ޖޫރިމަނާ ކުރުން ހިމެނެ އެވެ. އަދި އަތުލާ ކުއްތާތައް ދޫކޮށްލާނީ ޖަންގައްޔަށް ނޫނީ ސަހަރާ އަށް ކަމަށެވެ. ނަމަވެސް ދަނޑުވެރިންނާއި ޖަނަވާރު ގެންގުޅޭ މީހުންނާއި ހަންޓް ކުރާ މީހުންނަށް ބިލުގައި ވަނީ ލުއިތަކެއްދީފަ އެވެ.
އިރާނުގައި ކުއްތާ ގެންގުޅޭ މީހުންނާ ދެކޮޅަށް ފިޔަވަޅުއަޅާތާ ދުވަސްކޮޅެއް ވެއްޖެ އެެވެ. އަދި ކުއްތާ އާ އެކު ހިނގާ ބައެއް މީހުން ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ. އެކަމަކު ތެހެރާން ފަދަ އާބަން ސިޓީތަކުގެ މެދުފަންތީގެ މީހުންނާއި މުއްސަނދިން ކުއްތާ ގެންގުޅޭ ވަރު އަންނަނީ އިތުރުވަމުންނެވެ. -- ޒ --