މެންޗެސްޓާ ސިޓީއަށް ޗެންޕިއަންސް ލީގް ކާމިޔާބު ކުރެވެންދެން، އެޓީމުގައި މަޑުކުރާނޭ ކަމަށް ސިޓީގެ މަޝްހޫރު ސްޓްރައިކާ ސާޖިއޯ އަގުއޭރޯ ބުނެފި އެވެ.

މި އަހަރުގެ މެދުތެރޭ ސިޓީއާ އެކު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި އަގުއޭރޯ ބުނި ގޮތުގައި، އޭނާގެ ކޮންޓްރެކްޓްގެ ބާކީ އޮތް ހަތަރު އަހަރާ އެކު މުޅިއަކު އަށް އަހަރު ސިޓީގައި މުޑުކުރުމުގެ އިތުރުން، އެ ޓީމަށް ޗެންޕިއަންސް ލީގް ކާމިޔާބު ކުރެވެންދެންވެސް އޭނާ މަޑު ކުރާނީ އެޓީމުގަ އެވެ.

ޗެންޕިއަންސް ލީގްގެ މި ސީޒަންގައި އެންމެ ފަހުން ކުޅުނު މެޗުން ބަލިވި މެންޗެސްޓާ ސިޓީ މިހާރު އޮތީ ގްރޫޕް އީ ގެ ތާވަލްގެ އެންމެ ފުލުގައެވެ. އަދި މިދިޔަ ހަތަރު ސީޒަންގެ ތެރޭން ތިން ސީސަންގައި ދެވަނަ ބުރަށް ނުގޮސް ސިޓީ ވަނީ މި މުބާރާތުން ކަޓައިފަ އެވެ.

ސިޓީގެ މި ނާކާމިޔާބީތަކާ އެކު އެ ޓީމްގެ މޮޅެތި ބައެއް ކުޅުންތެރިން އެހެން ޓީމުތަކަށް ބަދަލުވެދާނެ ކަމުގެ ބިރު އެ ޓީމަށް އޮތް އިރު، އަގުއޭރޯ ބުނެފައި ވަނީ ފުޓްބޯޅައިގާ ނާކާމިޔާބީއާ ވެސް ދިމާވާނެ ކަމަށާއި މި ކަމުގެ ހައްލަކީ ގަދައަޅާ މަސައްކަތް ކުރުން ކަމަށެވެ.

"އަހަރެން ފުޓްބޯޅައިގެ ތެރޭގައި ވަރަށް ގިނަ ދުވަސް ހޭދަކޮށްފިން، މިކަހަލަ ކަންކަމަކީ މި ކުޅިވަރުގައި ދިމާވާނެ ކަންކަން. ޗެމްޕިއަންސް ލީގް ތާވަލްގައި މިހާރު ސިޓީ އޮތީ އެންމެ ރަނގަޅު ފައްތަރެއްގައެއް ނޫން. ހަތަރު މެޗު ކުޅެ އޭގެތެރޭން އެއްވެސް މެޗެއް ކާމިޔާބު ކުރެވަފައި ނުވިއަސް، ދެ މެޗު ބާކީ އޮތް އިރު އަހަރުމެންނަށް އަދި ވެސް މި ނަތީޖާ ރަނގަޅު ކުރެވިދާނެ،" އަގުއޭރޯ ބުންޏެވެ.

ސިޓީއިން ކުރިމަތި ލާންޖެހިފައިވާ ނާކާމިޔާބީތަކާ އެކު އެ ޓީމްގެ ކޯޗް ޕެލެގްރިނީ އަށްވެސް ވަނީ ގިނަ ފާޑު ކިޔުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. ނަމަވެސް އަގުއޭރޯ އޭނާގެ އޮޓޯބައޮގްރަފީ އިފްތިތާހު ކުރަން ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ މި ކަމުގެ ޒިންމާ ޓީމުގެ އެންމެންވެސް ނަގަން ޖެހޭ ކަމަށެވެ.

"މި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމަކީ ހަމައެކަނި ކޯޗުގެ މައްސަލައެއް ނޫން، އަދި އެއީ ހަމައެކަނި ކުޅުންތެރިންގެ މައްސަލައެއްވެސް ނޫން. މިކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެންމެން އެއްކޮށް، އަދި މި ނާކާމިޔާބީތަކުން އަރައިގަންނަންވެސް މަސައްކަތް ކުރަން ޖެހޭނީ އެންމެން އެކީ،" އޭނާ ބުންޏެވެ.

ޗެންޕިއަންސް ލީގުގައި ކުރިއަށް ދެން އެ ޓީމުން ބެޔާން މިއުނިކް އާއި ދެކޮޅަށް ކުޅެން އޮތް މެޗު ސިޓީއަށް ކާމިޔާބު ނުކުރެވިއްޖެ ނަމަ މި މުބާރާތުން އެ ޓީމް ކަޓާނެއެވެ. ނަމަވެސް ސިޓީގެ މި ނާކާމިޔާބީތައް ވަނީ އަގުއޭރޯގެ ކާމިޔާބީތަކާ ދިމާ އިދިކޮޅަށެވެ.

މި ސީޒަންގެ މުބާރާތްތަކުގައި މުޅިއެކު 12 ލަނޑު ޖަހާފައިވާ އަގުއޭރޯ ވަނީ މިދިޔަ މަހު ޓޮޓެންހަމްއާ ދެކޮޅަށް އެ ޓީމުން ކުޅުން މެޗުގައި އެކަނިވެސް ހަތަރު ލަނޑު ކަމިޔާބު ކޮށްފަ އެވެ. އަދި ސިޓީގެ ކޯޗް ޕެލެގްރިނީ ވަނީ ކުރިއަށް އޮތްތާނގައި އަގުއޭރޯއަށް ފީފާގެ ބެލެންޑޯ އެވޯޑް ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލް ކުރާކަމަށް ބުނެފަ އެވެ. ނަމަވެސް އަގުއޭރޯ ބުނެފައި ވާގޮތުގައި ރޮނާލްޑޯ އަދި މެސީ ފަދަ ކުޅުންތެރިންނަކީ ކުޅުމުގެ ފެންވަރުގެ ގޮތުން އޭނާއަށް ވުރެމާ ހުނަރުވެރި ކުޅުންތެރިންނެވެ.

"ކޮންމެ ކުޅުންތެރިއެއްވެސް ބޭނުންވާނެ އެވޯޑެއް ކާމިޔާބު ކުރަން. ބެލެންޑޯ އަކީ މިހާރު އިންޑިވިޖުއަލްކޮށް ކުޅުންތެރިއަކަށް ލިބޭނެ އެންމެ ބޮޑު އެއް ކާމިޔާބީ. މެސީމެން ފަދަ ކުޅުންތެރިންނާ އެކު އަހަރެންގެ ނަން ވެސް ތުންތުން މަތިން ބުނެވުމަކީ އަހަރެން ވަރަށް ހިނަހަމަ ޖެހޭ ކަމެއް، ނަމަވެސް އެފަދަ ކުޅުންތެރިންނަކީ އަހަންނާ ފެންވަރުގެ ގޮތުން ވަރަށް ވެސް ތަފާތު ކުޅުންތެރިން. އެފަދަ ކުޅުންތެރިންނަކީ ބެލެންޑޯއަށް އަބަދުވެސް ނޮމިނޭޓް ވާނެ ކުޅުން ތެރިން. އެކަމު އެފަދަ ކާމިޔާބީއެއް ހާސިލް ކުރުމަށް ގަދައަޅާ މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް،" އޭނާ ބުންޏެވެ.

ޗެންޕިއަންސް ލީގްގެ ނާކާމިޔާބީއާ އަޅައިބަލާ އިރު، ޕްރިމިއާ ލީގުގައި ސިޓީއަށް ވަނީ ހިތްހަމަ ޖެހޭވަރުގެ ކާމިޔާބީއެއް ހޯދިފަ އެވެ. އެގޮތުން ޕްރިމިއާލީގްގައި ކްއީންސް ޕާކް ރޭންޖާސްއާ ދެކޮޅަށް މިރޭ އެޓީމުން ކުޅޭ މެޗު ކަމިޔާބު ކުރެވިއްޖެ ނަމަ، މުޅިއަކު 23 ޕޮއިންޓާއި އެކު، ތާވާލްގެ ދެވަނަ މަގާމް އެ ޓީމަށް ލިބޭނެ އެވެ.