މާލޭޝިއާ އިން ގެއްލިގެން ހޯދަމުން އަންނިކޮށް ފަސް މަސް ދުވަސް ފަހުން ފެނުނު މ. ހާޑްރޮކް މުހައްމަދު ހަމްދާން، 28، މިވަގުތު ބޭނުންވަނީ އާއިލާ އާ އެކު ވަގުތު ހޭދަކުރަން ކަމަށް އޭނާ ބުނެފި އެވެ.

ބޭންކޮކް އެއާވޭޒްގެ ފްލައިޓެއްގައި އިއްޔެ ރޭ ދަންވަރު މާލެ ގެނައި ހަމްދާން "ސަން" އަށް މައުލޫމާތު ދެމުން މިއަދު ބުނީ އޭނާ ރާއްޖެ އައިފަހުން ވަރަށް ގިނަ ބަޔަކު އޭނާ އަށްވީ ގޮތް އޮޅުން ފިލުވަން ބޭނުންވި ކަމަށެވެ. ނަމަވެސް އެކަންތައްތައް ހިނގައި ދިޔަ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި ބޭނުންނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ހަމްދާން ބުނީ އޭނާ ތައިލޭންޑަށް ދިޔައީ އަމިއްލަ އިހުތިޔާރުގައި ނޫން ކަމަށާއި ފާއިތުވި ފަސް މަސް ދުވަހުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ތަޖުރިބާ ކުރަން ޖެހުނު ކަމަށެވެ.

"މިވަގުތު ބޭނުން ވަނީ އާއިލާ އަށް ވަގުތު ދިނުމަށް. ވަރަށް އެހެން ކަހަލަ ތަޖުރިބާތަކެއް ކުރަން ޖެހުނު ދުވަސްތަކެއް އެެއީ. އެހުރިހާ ކަމެއްގެ ވާހަކަ މިވަގުތު ދައްކާކަށް ބޭނުމެއް ނުވޭ. އަހަރެންނާ ބެހޭ ގޮތުން މީޑިއާތަކުގައި ވެސް ވަރަށް ގިނަ ގޮތްގޮތަށް ވާހަކަތައް ޖެހި، ނަމަވެސް އެއިން އެއްވެސް ނިއުސްއެއް މާލެ އައިސްފައި ވެސް ނުބަލަން،" ހަމްދާން ބުންޏެވެ.

ހަމްދާން ގެއްލިފައި ވަނީ މި އަހަރުގެ ޖޫން މަހު މެލޭޝީޔާ އިން ޑިގްރީ ކޯހެއް ފުރިހަމަ ކުރުމަށް ފަހު މާލެ އަައުމަށް މެލޭޝިއާގެ އެއާޕޯޓުން ޗެކިން ވެސް ހެދި ފަހުންނެވެ. އޭނާ ތައިލޭންޑުގެ ބުކިޓް އަޔުރް ހިތާމް ބޯޑަރު ހުރަސްކޮށްފައިވާ ކަމަށް މެލޭޝިއާގެ އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ އެވެ. އޭނާ ފެނުނީ ތައިލޭންޑްގައި ހުންނަ ދިވެހި އެމްބަސީ އަށް އަމިއްލަ އަަށް ދިއުމުންނެވެ.