ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑީވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އަތޮޅު މުބާރާތް 2014ގެ ނ. އަތޮޅު ފުޓުބޯޅަ މުބާރާތް ފަށައިފިއެވެ.

އެ އަތޮޅު ހޮޅުދޫ ރަސްމީ ދަނޑުގައި އިއްޔެ ފެށި މުބާރާތުގައި ޖުމްލަ ހަ ޓީމެއް ބައިވެރި ވެފައިވެއެވެ. ދެ ގްރޫޕް އަކަށް ބަހާލައިގެން ކުރިއަށްދާ އެ މުބާރާތުގެ ގްރޫޕް "އޭ" ގައި ހިމެނެނީ ވެލިދޫ ކްލަބު އެމުނި އާއި މިލަދޫ ނިއުޓްރަލް ޔޫތު ކޮމިއުނިޓީ އަދި ހޮޅުދޫ ބޭސް އެވެ. އަދި ގްރޫޕް "ބީ" ގައި ހިމެނޭ ޓީމުތަކަކީ މަނަދޫ ޒުވާނުންގެ ގުޅުމާއި ކުޑަފަރީ ޔޫތު މޫވްމެންޓް އަދި ޅޮހީ ޒުވާނުންގެ ކްލަބް އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ވެލިދޫ ޓީމާއި މިލަދޫ ޓީމެވެ. އެ މެޗު 2-0 ލަނޑުން ކާމިޔާބު ކޮށްފައިވަނީ މިލަދޫ ޓީމެވެ.

މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ މިލަދޫ ޓީމުގެ އިބްރާހިމް ޝިފާއު އެވެ. އަދި ދެވަނަ ގޯލު އެ ޓީމުން ޖަހާފައިވަނީ މުހައްމަދު އައްފާން އެވެ.

މިޔަދު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ގްރޫޕް ބީ ގެ މަނަދޫ ޓީމާއި ކުޑަފަރީ ޓީމެވެ.