އެކިއެކި ކުށްތައް ކޮށްގެން މި އަހަރުގެ މިހާތަަނަށް 159 ކުދިން ޖުވެނަލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ)ގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ޔުނިޓުން ބުނެފި އެވެ.

ހޯމް މިނިސްޓްރީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޖުވެނަލް ޖަސްޓިސް ޔުނިޓްގެ އެގްޒެކިއުޓިވް ޑައިރެކްޓަރު ހާމިދު ޔޫސުފް ވިދާޅުވީ މިހާރު އެ ޔުނިޓްގެ ބެލުމުގެ ދަށުގައި ކޮމިއުނިޓީގަ އާއި ގޭ ބަންދުގައި ތިބި ކުދިންނަކީ އެކިއެކި ކުށްތަކުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށް، އެ ޔުނިޓާ ހަވާލުކޮށްފައިވާ ކުދިން ކަމަށެވެ.

"އެކުދިންނަށް ކައުންސިލިން ދިނުމާއި އެކިއެކި ސެސަންތައް ނެގުމުގެ މަސައްކަތް ކުރަމުން މިގެންދަނީ. މި ހުރިހާ ކުދިންނަކީ ވެސް ކޮންމެ ވެސް ކުށެއް ކޮށްގެން ފުލުހުން ހައްޔަރުކޮށްފައިވާ ކުދިން،" ހާމިދު ވިދާޅުވި އެވެ.

ހާމިދުު ވިދާޅުވީ ކުށްކުރާ ކުޑަ ކުދިން ކުށްކުރުން ހުއްޓުވައި އަނބުރާ މުޖުތަމައުމަށް ގެނައުމަށް އެ ޔުނިޓުން ކުރަމުން ގެންދާ މަސައްކަތްތައް ފުރިހަމަ ކުރުމަށް ކުޑަކުދިންގެ ހައްގުގެ ގާނޫނެއް ވަރަށް މުހިންމު ކަމަށެވެ. އަދި އެ ގާނޫނުގެ ޑްރާފްޓްކޮށް އެޓޭނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުށްކުރާ ކުދިންގެ ތެރެއިން ބައެއް ކުދިން ރިހެބްލިޓޭޓް ކުރުމަށް މުޖުތަމައު އިން އެހަކެރި ކުރަން ޖޭހޭ ކަމަށާއި އެކުދިންނާ މެދު އެފަދަ ފިޔަވަޅެއް އެޅޭނީ އެފަދަ ގާނޫނެއް ވެސް އޮވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖުވެނަލް ޖަސްޓިސް އިން ބުނީ ކުށްކުރާ ކުދިން އަނބުރާ މުޖުތަމައު އަށް އަނބުރާ ގެނައުމުގެ ގޮތުން އެކުދިންނަށް ދޭން ޖެހޭ ރިހެބްލިޓޭޝަން ޕްރޮގްރާމްތައް ދިނުމާއި ޕްރިވެންޝަން ޕްރޮގްރާމްތައް ހިންގަމުން އަންނަ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ޖުވެނަލް ޖަސްޓިސް ނިޒާމުގެ ތެރޭގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން 499 މީހަކު ވަނީ ތަމްރީންކޮށްފަ އެވެ.

ކުށްކުރާ ކުދިން ކުށް ކުރުން ހުއްޓުވައި އެކުދިން އަނބުރާ މުޖުތަމައު އަށް އަނބުރާ ގެނައުމަށް ޓަކައި ކުރިއަށް އޮތް ތަނުގައި ކުޑަކުދިންގެ އިސްލާހިއްޔާއެއް އެ ޔުނިޓަށް ވަރަށް މުހިންމު ކަމަށް ހާމިދު ވިދާޅުވި އެވެ.

އެ މަސައްކަތުގެ ކުރުމަށް މިހާރު ވެސް ދެގޮތަކަށް މަޝްވަރާކޮށްފައިވާ އިރު މާފުށީގައި ހުރި ތައުލީމާއި މަސައްކަތް އުނގަންނައިދޭ މަރުކަޒު ޖެންޑާ މިނިސްޓްރީ އާއި ދެބައި މީހުން ބޭނުން ކުރާ ގޮތަށް ނުވަތަ ކ. ތުލުސްދޫގައި ކުޑަ ކުދިންގެ އިސްލާހިއްޔާއެއް އެޅުމަށް މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.