08 Nov 2014, 12:49
މެކްސިކޯގެ ގޭންގަކުން ވަގަށް ނެގި 43 ދަރިވަރުން މަރައި އެކުދިންގެ ހަށިތައް އަންދާލާފައިވާ ކަމަށް، އެގައުމުގެ ފުލުހުން ހައްޔަރުކޮށްފައިވާ ބައެއް ގޭންގް މެމްބަރުން އެއްބަސްވެއްޖެ އެވެ.
މެކްސިކޯ ފުލުހުންނާ ހަވާލާދީ އަލް ޖަޒީރާ ބުނީ ގޭންގު މީހުން ވަގަށް ނެގި ކުދިންގެ ހަށިތައް އަންދައިލީ ކޮކޫލާ ނަމަކަށް ކިޔާ ރަށެއްގެ ކުނި ގޮނޑުގައި ކަމަށާއި އެކަން ކުރީ ތެލާއި ޓަޔަރާއި ލަކުޑި އަދި ޕްލާސްޓިކް ބޭނުންކޮށްގެން ކަމަށް ބަންދުގައި ތިބި މީހުން އެއްބަސްވެފައިވާ ކަމަށެވެ.
ފިރިހެން 43 ކުދިން މަރައި އަންދައިލި ކަމަށް އެއްބަސްވެ، ގޭންގް މެމްބަރުން ދީފައިވާ ބަޔާނުގެ ވީޑިއޯ މެކްސިކޯ ފުލުހުން ވަނީ އާއްމުކޮށްފަ އެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ ލިބިފައިވާ ހަށިތަކުގެ ބައިތައް އެއީ ގެއްލުނު ކުދިންކަން ޑީއެންއޭ ޓެސްޓްތަކުގެ އެހީގައި ޔަގީން ކުރެވެންދެން ބަލާނީ އެއީ ގެއްލިފައިވާ ކުދިން ކަމުގައި ކަަމަށެވެ.
މެކްސިކޯގެ ޑްރަގް ގޭންގަކުން މަރައިލި 43 ދަރިވަރުން ހައްޔަރުކޮށް އެމީހުންނާ ހަވާލުކުރީ މެކްސިކޯ ފުލުހުންގެ ބަޔަކު ކަމަށް އެގައުމުގެ ސަރުކާރުން ކުރިން ވަނީ އެއްބަސްވެފަ އެވެ.