08 Nov 2014, 12:44
މޮސްކޯގެ މެޓްރޯގެ ސީނިއާ އޮފިޝަލުން މަސައްކަތަށްދާ އިރު އާންމުން ދަތުރުފަތުރު ކުރުމަށް ބޭނުން ކުރާ މެޓްރޯ ސިސްޓަމުން ދަތުރު ކުރުމަށް މެޓްރޯ އޮފީހުން އަމުރުކޮށްފި އެވެ.
ރަޝިޔާގެ ސްޓޭޓް ނިއުސް އެޖެންސީ، ޓައްސާ ނިއުސް އެޖެންސީ އާ ހަވާލާދީ ބީބީސީ އިން އިއްޔެ ބުނީ މޮސްކޯގެ އާންމު ރައްޔިތުންނެކޭ އެއްގޮތަށް މެޓްރޯގެ އޮފިޝަލުން ވެސް ބިމުގެ އަޑިން ދަތުރުކުރާ މެޓްރޯ ބޭނުން ކުރުމަށް ހެޑް އޮފް މެޓްރޯ، ޑިމިޓީ ޕެގްވު އަންގަވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މެޓްރްރޯގެ މަސައްކަތް ވަޒަން ކުރަން އެނގޭނީ މެޓްރޯ ސުޕަވައިޒު ކުރާ މީހުން ވެސް މެޓްރޯ އިން ދަތުރު ކުރުމުން ކަމަށާއި ހުދު އޭނާ ވެސް މަސައްކަތަށް ވަޑައިގަންނަ ވަނީ 35 ވަރަކަށް މިނިޓް ހޭދަ ކުރެއްވުމަށް ފަހު މެޓްރޯގައި ކަމަށެވެ. އަދި ލައިން ބަދަލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އޭނާގެ މަގާމުގެ ގޮތުން ޑްރައިވަރު ކައިރީގައި އިންނަވައިގެން ވެސް ދަތުރު ކުރެވިދާނެ ކަމަށާއި ނަމަވެސް އޭނާ އެންމެ ހިތްހަމަޖެހެނީ ތޮއްޖެހިފައިވާ އާންމުންގެ ތެރޭގައި އިންނަވައިގެން ދަތުރު ކުރެއްވުން ކަމަށެވެ.
އެ ނިންމުމާ ގުޅިގެން ތަފާތު ޝުއޫރުތައް ސޯޝަލް މީޑިއާގައި ވަނީ ފާޅުކޮށްފަ އެވެ. "ހުރިހާ ކަންކަމަކީ ރަޝިޔާގައި ގޯސްކަންތައްތަކެއް ނޫން،" އެކަކު ބުންޏެވެ. ނަމަވެސް އެހެން މީހަކު ކުރި ޓުވީޓެއްގައި އިޝާރާތްކޮށްފައި ވަނީ ރަޝިޔާގެ ޓްރާންސްޕޯޓް ސިސްޓަމްގައި ހުރި މައްސަލަތަކަށެވެ. "އެއަށް ވުރެ މާބޮޑަށް ރަނގަޅުވާނެ އެމީހުންގެ ބުރަކަށީގައި ތިމަންނަމެންނަކީ މެނޭޖަރުންނޭ ބުނިއްޔާ،" "އޭރުން އަހަރުމެންގެ ޝުއޫރުތައް، ކާރުބާރު ބޮޑު ގަނޑިތަކުގައި އެ މީހުންނާ ހިއްސާ ކުރެވޭނެ."
މޮސްކޯގެ މެޓްރޯ ނެޓްވޯކަކީ ދުނިޔޭގައި ވެސް އެންމެ ހާރުބާރު ބޮޑު އެއް މެޓްރޯ ނިޒާމެވެ. ސަތޭކަ ނުވަދިހަ ފަސް ސްޓޭޝަނުން ހަފްތާގެ ދުވަސްތަކުގައި ދުވާލަކު ނުވަ މިލިއަން މީހުން ދަތުރު ކުރެ އެވެ. މެޓްރޯ އިން ހާމަ ކުރި އެ މީހުންގެ އަމިއްލަ ތަފާސްހިސާބުތައް ދައްކާ ގޮތުން މެޓްރޯ އިން ދަތުރު ކުރާ މީހުންގެ 55 ޕަސެންޓް މީހުން މެޓްރޯގެ ހިދުމަތާ ދޭތެރޭ ހިތްހަމަޖެހެ އެވެ. -- ޒ --