ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ އެކްސެލް ލިމިޓަޑް އޯވާ ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗްގައި އިންޑިއަން ބްލޫސް އާއި މާލޭ ސްޕޯޓްސް ކްލަބް ބައްދަލުކޮށް، 61 ރަން ގެ ތަފާތަކާ އެކު އިންޑިއަން ބްލޫސް އިން ކަމިޔާބުކޮށްފި އެވެ.

އެ މުބަރާތުގެ ފުރަތަމަ މެޗު އިއްޔެ އެކުވެނި އެއްނަންބަރު ދަނޑުގައި ކުޅެފައިވާ އިރު، ފެށުމުގައި ޓޮސް ދިމާވެފައި ވަނީ އިންޑިއަން ބްލޫސް އަށެވެ. މެޗުގައި ފުރަތަމަ ބެޓް ކުރަން އިހްތިޔާރު ކުރި އިންޑިއަން ބްލޫސްގެ ފުރަތަމަ ދެ ކުޅުންތެރިން، އަބްދުﷲ ޝާހިދް އާއި އަމާނަތު ވަނީ 107 ބޯލޅައިން މުޅިއަކު 57 ރަން ނަގާފަ އެވެ.

މެޗުގައި އެންމެ ގިނަ ރަން ނަގާފައިވާ އަންޑިއަން ބްލޫސްގެ ދިނޭޝް ވަނީ މި މެޗުގައި މުޅިއަކު 72 ރަން ކާމިޔާބުކޮށްފަ އެވެ. އަދި މާލެ ސްޕޯޓްސް ކްލަބްގެ ޕްރިޔަންކާ، އަހުމަދު ހަސަން އަދި މަހްފޫޒް ވަނީ ވަކިވަކިން ކޮންމެ ކުޅުންތެރިއެއް ވެސް ދެ ވިކެޓް ނަގައިފަ އެވެ.

މެޗުގައި މާލެ ސްޕޯޓްސް ކްލަބަށް ބެޓް ކުރަން ލިބުނު ފުރުސަތުގައި އެ ޓީމުން ވެސް ވަނީ ފެށުން ރަނގަޅު ކޮށްފަ އެވެ. އެ ގޮތުން އެ ޓީމްގެ މަހްމޫދް ރިޔާޒް އާއި އަހްމަދު ހަސަން ވަނީ 110 ބޯޅައިން މުޅިއެކު 69 ރަން ނަގާފަ އެވެ.

މާލޭ ސްޕޯޓްސް ކްލަބުން ވަނީ މެޗުގައި މުޅިއަކު 195 ރަން ކާމިޔާބުކޮށްފަ އެވެ. ނަމަވެސް މެޗުގައި މުޅިއަކު 256 ރަން ނަގާފައިވާ އިންޑިއަން ބްލޫސްގެ މައްޗަށް އެ ޓީމުން ވަނީ ކުރި ހޯދޭ ގޮތް ނުވެފަ އެވެ.

މި މުބާރާތުގައި މިއަދު ކުޅެން ހަމަ ޖެހިފައި ވަނީ ޔޫތް ޓީމާއި ޝްރީލަންކަން ހައި ކޮމިޝަން އެވެ. މި މެޗު މިއަދު ހެނދުނު 8:00 ގައި ފަށާފައިވާ އިރު، މި މެޗުގެ ކުޅުން ވެސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އެކުވެނި އެއްނަންބަރު ދަނޑުގަ އެވެ.