ނިޔުޔޯކް (ނޮވެމްބަރު 8) : ޔަމަންގެ ހަމަޖެހުމާއި ސުލްޙަ ނަގާލުމަށް މަސައްކަތްކުރާ ކަމަށް ބުނެ އެގައުމުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްއާއި އެގައުމުގެ ޙޫތީ ހަނގުރާމަވެރިންގެ ދެލީޑަރެއްގެ މައްޗަށް އދ.ގެ ސަލާމަތީ މަޖިލީހުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި އެވެ.

ސަލާމަތީ މަޖިލީހުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ކޮމިޓީގެ ރައީސާ ރިމޮންޑާ މުރްމުކައިޓީ ވިދާޅުވި ގޮތުގައި އަލީ އަބްދުﷲ ސާލިޙް އާއި ޙޫޘީ ޖަމާއަތުގެ ދެ ލީޑަރުން ކަމަށްވާ އަބްދުލްޚާލިޤް ޙޫޘީ އާއި އަބްދުﷲ ޔަޙްޔާ އަލްޙަކީމުގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ނިންމީ ސަލާމަތީ މަޖިލީހުގެ މެންބަރުންގެ އިއްތިފާގުންނެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އެތިންބޭފުޅުންގެ އެސެޓްތަކާއި އެކައުންޓްތައް ފްރީޒް ކުރުމާއި ގައުމުން ބޭރަށް ފުރުން މަނާކުރުމެވެ. ދަތިކުރުމުގެ މިފިޔަވަޅުތަކާ ގުޅިގެން ރައީސް ސާލިޙަށް ތާއީދުކުރާ ފަރާތްތަކާއި ޙޫޘީ ހަނގުރާމަވެރިންނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ޔަަމަންގެ ވެރިރަށް ސަންއާގައި އދ. އާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފަ އެވެ.

ޔަމަންގައި ހުންނަ އެމެރިކާގެ އެންބަސީ އިން ވަނީ މިގަރާރު ފާސްކުރުމުގެ ކުރިން ވެސް އެގައުމުން ބޭރަށް ނުފުރުމަށް ރައީސް ސާލިޙް އަށް އަމުރުކޮށް އިންޒާރުތަކެއްދީފަ އެވެ. މިމައްސަލާގައި ސާލިޙް ވަނީ ޔަމަންގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ވަދެފައިވާ މިންވަރު ބަޔާން ކުރައްވައި އެމެރިކާ ބޭޒާރުވާ ގޮތަށް އެމެރިކާ ސަރުކާރަށް ބަހުގެ ޙަމަލާތަކެއް ދެއްވާފަ އެވެ. މިއާ އެކު އެމެރިކާގެ ޚާރިޖީ ވުޒާރާ އިން ވަނީ ޔަމަންގައިވާ އެމެރިކާގެ އެންބަސީ އިން ސާލިޙަށް އެއްވެސް އިންޒާރެއް ދީފައިނުވާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.

ރައީސް ސާލިޙަށް ތާއީދުކުރާ މީހުންނާއި ޙޫޘީ ހަނގުރާމަވެރިން ވަނީ ވެރިރަށް ސަންޢާގެ ބޮޑުބައެއް ވެސް ހިމެނޭ ގޮތަށް ޔަމަންގެ ބިމުގެ ބޮޑުބައެއް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފަ އެވެ. ޔަމަންގެ ސިފައިންގެ ލަޝްކަރުތައް ވެސް ވަނީ ސާލިޙް އާއި ޙޫޘީ ހަނގުރާމަވެރިންގެ ފަހަތުގައި ކަމަށް އެގައުމުގެ ރައީސް އަބްދުރައްބު މަންސޫރު ހާދީ ވަނީ ތުހުމަތު ކުރައްވާފަ އެވެ. (ރޮއިޓާސް)