08 Nov 2014, 10:13
ސޫރިޔާގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުން ދިޔަ ދިވެއްސަކު އަނެއްކާ ވެސް މަރުވެއްޖެ ކަމަށް ބިލާދުއްޝާމް މީޑިއާ އިން ބުނެފި އެވެ.
ޖަބުހަތުއް ނުސްރާއާ ގުޅިގެން ހަނގުރާމަކުރަމުން އަންނަ ދިވެހިން ހިންގަމުން އަންނަ ފޭސްބުކް ޕޭޖްގައި މަރުވި މީހާގެ ނަމެއް ކަމަށް ލިޔެފައި ވަނީ އަބޫ ފުލާން ރަހްމަﷲ ނަމަކަށް ކިޔާ ދިވެއްސެއް ކަމަށެވެ. ނަމަވެސް އޭނާ މަރުވި ދުވަހެއް ބުނެފައެއް ނުވެ އެވެ.
ޖަބުހަތުއް ނުސްރާއާ ގުޅިގެން ހަނގުރާމަ ކުރި ދިވެހީންގެ ތިން މީހަކު ކުރިން ވެސް ވަނީ މަރުވެފަ އެވެ. ކުރިން މަރުވި ތިން މީހުންނަކީ އަބޫ ދުޖާނާއި އަބޫ ނޫހް އާއި އަބޫ ތުރާބު ކަމަށް ބިލާދުއް ޝާމް މީޑިއާ އިން އޭރު ބުންޏެވެ.
ސޫރިޔާގެ އަހުލީ ހަނގުރާމައިގައި ޖަބުހަތުއް ނުސްރާއިން ސޫރިޔާ ސަރުކާރާ ހަނގުރާމަކުރާއިރު އިސްލާމިކް ސްޓޭޓް (އައިއެސް) އިން އެ ބަޔަކާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަކުގެ ތެރޭގައި ޖަބުހަތުއް ނުސްރާ ވެސް މިހާރު ހިމެނެ އެވެ.
އިތުރު ދިވެއްސަކު ސީރިއާގައި މަރުވެފައިވާއިރު ދާދިފަހަކުން ވަނީ އެތައް ދިވެއްސަކު އެގައުމަށް ދިޔަ ކަން ހާމަކޮށްފަ އެވެ. އަދި މިދިޔަ ހަފްތާގެ ތެރޭގައި ބަޔަކު އެގައުމަށް ދަނިކޮށް ހައްޔަރުކޮށްގެން މިހާރު ވަނީ މާލެ ގެނެސްފަ އެވެ.