27 Jan 2011, 11:20
ފަސް އަހަރުން އެއް އަހަރު ބޯހިމަނާ ގޮތަށް އޮންނަ އޮތުން ބަދަލުކޮށް 10 އަހަރުން އެއް އަހަރު ބޯހިމަނާ ގޮތަށް ނޭޝަނަލް ޕްލޭނިން ކައުންސިލް އިން ނިންމައި އިއުލާންކޮށްފި އެވެ.
ޑިޕާޓްމެންޓް އޮފް ނޭޝަނަލް ޕްލޭނިން އިން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ޕްލޭނިން ކައުންސިލުން އެގޮތަށް ނިންމީ ދިގު މުއްދަތަކަށް ބަލާއިރު ބޯހިމެނުމަށް ކުރަން ޖެހޭ ހަރަދުތައް ކުޑަކުރުމުގެ ގޮތުންނާއި ސްޓެޓިސްޓިކްސް ޑިޕާޓްމެންޓުން ކުރާ އެހެނިހެން ސާވޭތަކަށް ފުރުސަތުދީ ތަފާސްހިސާބުތަކުގެ ނިޒާމު ހަރުދަނާކޮށް ރަނގަޅު ކުރުމަށް ކަމަށެވެ. އަދި އެބަޔާނުގައި ބުނެފައި ވަނީ އދ.ގެ ރެކޮމަންޑޭޝަން އަށް ބަލާއިރު ވެސް 10 އަހަރުން އެއް އަހަރު ބޯހުމެނުމުން ފުދޭނެ ކަމަށެވެ.
"އދގެ ރެކޮމަންޑޭޝަންތަކަށް ބަލާއިރު ކޮންމެ ގައުމަކުން ވެސް 10 އަހަރުގެ މުއްދަތުގެ ތެރޭގައި މަދުވެގެން އެއް ފަހަރު ބޯހިމެނުމެއް ބޭއްވުމުން ފުދެ އެވެ. ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ތަރައްގީ ކުރުމަށް އެކުލަވާލާފައިވާ ދުރުރާސްތާ ތަސައްވަރު 'ނޭޝަނަލް ސްޓްރެޓެޖީ ފޯ ދަ ޑިވެލޮޕް މެންޓް އޮފް ސްޓެޓިސްޓިކްސް 2010-2019' ގައި ވެސް މިކަން މިގޮތަށް ކަނޑައެޅިފައިވުމުންނެވެ." ނޭޝަނަލް ޕްލޭނިންގެ ބަޔާނުގައިވެ އެވެ.
ބޯހިމަނާ މުއްދަތަށް ގެނައި ބަދަލާ އެކު ބޯހިމެނުމަށް ލިބޭނެ ކުރިއެރުންމެއްގެ ގޮތުގައި އެ ބަޔާނުގައި ފާހަގަކޮށްފައި ވަނީ އެހެނިހެން ތަފާސްހިސާބުތަކުގެ ނިޒާމު ރަނގަޅުވުމުން ބޯހިމެނުމަށް ގޭގެއަށް ޒިޔާރަތް ނުކޮށް އިދާރީ ރަޖިސްޓްރީތައް ބޭނުންކޮށްގެން ބޯހިމެނުމުގެ އަސާސީ މައުލޫމާތު ނެނގޭނެ ކަމަށާއި އެކަމުން އާންމުންނަށް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.
ޕްލޭނިން ޑިޕާޓްމެންޓުން ބުނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އިދާރީ ރަޖިސްޓްރީތައް ބޭނުން ކޮށްގެން ބޯހިމެނުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންނަމަވެސް މި އަހަރު ގޭގެއަށް ޒިޔާރަތްކޮށްގެން ބޯހިމެނުމާ މެދު އަދި ވަގި ގޮތެއް ކައުންސިލުން ނުނިންމާ ކަމަށާއި އެކަމަށް ގޮތެއް ނިންމާނީ ޖުލައި މަހުގެ ތެރޭގައި ކަމަށް ވެސް އެ ޑިޕާޓްމެންޓުން ބުންޏެވެ.