08 Nov 2014, 09:48
ޗައިނާ އިން ތަރައްގީ ކުރަން މަސައްކަތްކުރާ 21 ވަނަ ގަރުނުގެ މެރިޓައިމް ސިލްކް ރޫޓް (އެމްއާރްއެސް) ބެހޭ ގޮތުން އިންޑިއާއާ އެކު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް އެގައުމުން ބުނެފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެގައުމުގެ އެކްސްޓާނަލް މިނިސްޓްރީގެ ތަރުޖަމާނު ސައްޔިދު އަކުބަރުއްދީން ބުރާސްފަތި ދުވަހު ބޭއްވެވި ނޫސްކޮންފަރެންސެއްގައި ނޫސްވެރިއަކު އެސުވާލު ކުރުމުން ޖަވާބު ދެއްވާފައިވާ ކަމަށެވެ. އަދި އެ ސުވާލާއި ޖަވާބު ހައިކޮމިޝަނުގެ ބަޔާނުގައި ހިމަނާފައިވެ އެވެ.
ޗައިނާގެ ރައީސް ޒީ ޖިންޕިން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެމްއާރްއެސްއާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިތޯ ކޮށްފައިވާ ސުވާލަށް ދެއްވި ޖަވާބުގައި އަކުބަރުއްދީން ވިދާޅުވެފައި ވަނީ އެފަދަ އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށެވެ.
"... ސަގާފީ މަގުތައް އަލުން ކުރި އެރުން އެއީ މިހާރު ކުރިއަށްދާ ވިޔަފާރިއާއި ހިޔާލާތު ހިއްސާކުރުމާ ގުޅިފައިވާ ކަމެއް. އެއީ ސިލްކް ރޫޓް ކަމަށް ވިޔަސް، ސްޕައިސް ރޫޓް( މެދު ޒަމާނުގައި ޔޫރަޕުން އިންޑިއާ އަށް ދަތުރުކުރި މަގެއް) ކަމަށް ވިޔަސް ނުވަ މޯސަމް ރޫޓް ކަމަށް ވިޔަސް. މިއީ ހިނގައި ހިނގައި ހުންނަ ކަމެއް. ތިޔަ ބޭފުޅުން އެކަމަކާ ބެހޭ ގޮތުން ތިޔަ ވާހަކަ ދައްކަވާ އާ ސިލްކް ރޫޓާ ބެހޭ ގޮތުން ދަންނަވާނީ، ޗައިނާގެ ރައީސް ޒީޖިންޕިން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެކަމާ ބެހޭ ގޮތުން ވާހަކައެއް ނުދައްކަވައޭ. މަޝްވަރާއެއް ވެސް ނުކުރައްވައޭ. އަދި އެދަތުރުފުޅުގެ ނަތީޖާގެ ތެރޭގައި އެކަމާ ބެހޭ އެއްވެސް ކަމެއް ނުވާނޭ،" އަކުބަރުއްދީން ވިދާޅުވި ކަމަށް ހައިކޮމިޝަންގެ ބަޔާނުގައިވާ ޖަވާބުގައިވެ އެވެ.
ހައިކޮމިޝަނުގެ ބަޔާނުގައި ބުނެފައި ވަނީ އެބަޔާނަކީ ރާއްޖޭގެ މީޑިއާއާއި ރައްޔިތުންގެ މަޖިލީހުގައި އެމްއާރްއެސްއާ އިންޑިއާއި ގުޅުވައިގެން ވާހަކަ ދައްކާފައިވާތީ ކަން އޮތް ގޮތް އޮޅުން ފިލުވައި ދިނުމަށް ނެރެފައިވާ ޖަވާބެއް ކަމަށެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރުންނާ ސުވާލު ކުރުމުގެ ވަގުތުގައި މެމްބަރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެފައި ވަނީ ޗައިނާގެ ރައީސް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެމްއާރްއެސްއާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެކަމަށް އިންޑިއާ އިން މަރުހަބާ ކިޔާފައިވާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
"...ހިޒް އެކްސެލެންސީ ޝީ ޖިން ޕިންގެ ދަތުރުފުޅުގައި އިންޑިއާއަށް ދަތުރުފުޅު ކުރެއްވި. އިންޑިއާ އިން ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވި އެބޭފުޅާގެ ދަތުރުފުޅަށް އަދި ޗައިނާގެ އެކި އިނިޝޭޓިވްތަކުގައި ބައިވެރިވުމަށް އާދެ ސިލްކްރޫޓްގައި ބައިވެރިވުމަށް ވެސް އެބޭފުޅުން މަޝްވަރާ ކުރެއްވި،" ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ބުދަ ދުވަހު ދުންޔާ ވިދާޅުވި އެވެ.